27 ޖުލައި 2022 - 12:22

އަންނަ ހުކުރު ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން މިއަދު ބުނެފި އެވެ.
މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެެ ކަމަށާއި އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށެވެ.
މާދަމާ ވެސް މޫސުން އޮންނާނީ ބަނަކޮށް ކަމަށް މޫސުމާ ބެހޭ އިދާރަ އިން ލަފާކުރެ އެވެ.
"މާދަމާ މިއަދަށް ވުރެ ވައި މަޑުވާނެ. ވައި އެވްރެޖްކޮށް އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މާދަމާ މޫސުން ރަނގަޅުވިޔަސް އަނެއްކާ ވެސް ހުކުރު ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާ ނިމެންދެން ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެ އެވެ.
ސްކޫލް ޗުއްޓީއަށް ވުމާއެކު ދަތުރުތައް ގިނަވާނެތީ، އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެ އެވެ.