އަންނަ މަހު ފަށާ ނަހުލާގެ ފިލްމެއްގެ ލީޑް ރޯލަށް އެކްޓަރުން ހޯދަނީ
އަންނަ މަހު ފަށާ ނަހުލާގެ ފިލްމެއްގެ ލީޑް ރޯލަށް އެކްޓަރުން ހޯދަނީ

ފާތުމަތު ނަހުލާގެ ލޯބީގެ ފިލްމް "ބީ" ލޯންޗް ކުރި ހިސާބުން ވެސް ގިނަ ބައެއްގެ ސަމާލުކަން މި ފިލްމަށް ވަނީ ހުއްޓިފަ އެވެ. އެކަމަކު އެ ފިލްމަށް އިންތިޒާރު ކުރާ މީހުންނަށް އޭނާ އަދި ދޭން އޮތީ ތަންކޮޅެއް މާޔޫސްވާ ކަހަލަ ހަބަރަކެވެ. ހަމައެއާ އެކު ވަރަށް އުފާވެރި އެހެން ހަބަރެއް ވެސް އެބަ އޮތެވެ.

އަންނަ މަހު ފަށާ ނަހުލާގެ ފިލްމެއްގެ ލީޑް ރޯލަށް އެކްޓަރުން ހޯދަނީ
އަންނަ މަހު ފަށާ ނަހުލާގެ ފިލްމެއްގެ ލީޑް ރޯލަށް އެކްޓަރުން ހޯދަނީ

އެއީ އަންނަ މަހު ނަހުލާ އެހެން ފިލްމެއް ފަށާ ވާހަކަ އެވެ. ފިލްމުގެ ލީޑް ރޯލް ކުޅޭނެ މީހުން ފިޔަވައި، ފިލްމުގެ އެހެން ހުރިހާ ކަމެއް މިހާރު ތައްޔާރެވެ.

ނަހުލާ ބުނީ އާ ފިލްމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން އަށް ނަގާނީ 25 ވަރަކަށް ދުވަސް ކަމަށް ބުންޏެވެ.

އެހެން ނަމަވެސް ފިލްމުގެ ނަމާއި ފިލްމުގެ ވާހަކައާ ބެހޭ ތަފުސީލަކަށް އޭނާ ނުދެ އެވެ. ނަހުލާ ދޭހާ ވެސް ޔަގީން ކަމަކީ ބެލުންތެރިން ގަޔާވާ ކަހަލަ ލޯބީގެ ފިލްމެއް ގެނެސް ދޭނެ ކަމެވެ.

މިއީ އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް، އަމިއްލަ ސްޓޫޑިއޯ ކްރިސްޓަލް އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް ނަހުލާ ބުންޏެވެ.

"މި ފަހަރު ބޭނުން ވަނީ ފިލްމުގެ ލީޑް ރޯލަށް މުޅިން އާ ބަޔަކު ލައިގެން ހަދަން. އެހެންވެ ފިލްމުގެ ލީޑް ރޯލް ކުޅޭނެ ބަތަލައަކާއި ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު މި ވަނީ ފަށާފައި،" ކަލާޔާ ނުލައި އާއި ޔޫސުފް ފަދަ ހިތްގައިމު ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ބުންޏެވެ.

ނަހުލާ ބުނީ އެކްޓް ކުރަން ޝައުގުވެރިވާ ދެ ޖިންސްގެ ޒުވާނުންނަށް ފުރުސަަތު އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށެވެ.

މިއީ ފިލްމީ ދާއިރާ އަށް ނިކުންނަން ބޭނުންވެފައި ތިބި ޒުވާނުންނަށް އޮތް ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

"އިންޓްރަސްޓް ހުރި ކުރިން އަހަރަންގެ ފޭސްބުކް ޕޭޖަށް އިމްބޮކްސް ކުރަމުން ގެންދަންވީ،" އޭނާ ބުންޏެވެ.

ނަހުލާ ބުނީ ފިލްމުގެ ލީޑް ރޯލަށް އެކްޓަރުން ނަގާނީ، އެކަމަށް ޝައުގުވެރިކަން ފާޅު ކުރާ ކުދިންނަށް ސްކްރީން ޓެސްޓަށް ވެސް ބޭއްވުމަށް ފަހު ކަމަށެވެ.

"އެކްޓް ކުރަން ބޭނުންވާ ކުދިންގެ ތެރޭގައި އަލަށް ކެމެރާ ކުރިމައްޗަށް އަންނަން، ނޫނީ ޑައިލޮގް ކިޔަން މިފަދަ އެއްވެސް ކަމަކަށް ބިރު ގަންނަ ކުދިން ކައިރީ ބުނެލަން އޮތީ އެއްވެސް ކަމަކާ ހާސްނުވާށޭ"، ނަހުލާ ބުންޏެވެ. "އެބައި އަހަންނަށް ދޫކޮށްލާށޭ. ނުވެސް އެނގި ހުއްޓާ މޮޅު އެކްޓަރަކަށް ހަދައި ދޭނަމޭ."

ނަހުލާ އަދި ބުނީ މި ފިލްމް މި އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށެވެ.

"ފިލްމުގެ މަސައްކަތް އެއްކޮށް ނިންމައިލެވުނީމަ، ރިލީޒް ކުރާނެ ޑޭޓެއް ފައިނަލް ކުރާނީ. އެކަމަކު ޔަގީންކަން ދެން މި އަހަރުގެ ތެރޭގައި ފިލްމް ގެނެސްދޭކަން،" މިދިޔަ އަހަރު "4426" ގެނެސް ދިން ނަހުލާ ބުންޏެވެ.