27 ޖުލައި 2022 - 07:33

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ހަބީރު ހާނުގެ ކުރިއަށް އޮތް ފިލްމުގައި ޒުވާން ތަރި، ކާތިކް އާރިޔަންއާއެކު ފެންނާނީ ބަތަލާ ކެޓްރީނާ ކައިފް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ބޫލް ބުލައްޔާ 2" ގެ ކާމިޔާބާއެކު، ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ކާތިކް، ވަނީ މީގެ ދެތިން ދުވަހެއް ކުރިން، އޭނާ އަށް ކަބީރުގެ ފޭވްރިޓް ޑައިރެކްޓަރު، ކަބީރުއާ އެކު މަސައްކަތްކުރަން ލިބިފައިވާކަން އިއުލާން ކޮށްފަ އެވެ. މިއީ ކާތިކްގެ ފިލްމީ ހަޔާތުގައި އޭނާ އަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ފިލްމެވެ.
ސާޖިދު ނަޑިއާވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ބަތަލާގެ ރޯލުން ފެންނާނީ ދީޕިކާ ޕަޑުކޯން ނުވަތަ ކެޓްރީނާ ކައިފެވެ. އެކަމަކު ކަބީރު ހާނުގެ ގާތް އެކުވެރިއަކަށް ވާތީ އެ ރޯލު ލިބުން އެންމެ ގާތީ ކެޓްރީނާއަށް ކަމަށް ވެ އެވެ. އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.
ވަރަށް އަވަހަށް މަސައްކަތް ފަށަން ތައްޔާރުވެފައިވާ އެ ފިލްމަކީ ހަނގުރާމަ މަތީ މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މިހާތަނަށް ކާތިކް، ކެޓްރީނާ އަދި ދީޕިކާއާ އެކު ވެސް ފިލްމެއް ނުކުޅެ އެވެ. އެހެންކަމުން، އެ އިން ކޮންމެ ތަރިއަކާ އެކު ފިލްމު ކުޅެން ލިބުނަސް އޭނާ އަށް ހާއްސަ ފިލްމަކަށް ވާނެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ނެރުނު، "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިން ވިދާލި ކާތިކްގެ "ބޫލް ބުލައްޔާ 2" އަކީ މި އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ފަހު، އޭނާއާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެކި ޑައިރެކްޓަރުން ދަނީ ފާޅުކުރަމުންނެވެ.