26 ޖުލައި 2022 - 10:09

އެމްޓީސީސީ ނޯތު ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީ ގައި ނަރުދޫ ރަމްޒު ސްޕޯޓްސް ކުޅުނު ހަތަރު ވަނަ މެޗުން ވެސް ބަލިވެގެން މުބާރާތް ނިންމާލި އިރު، ގުރޫޕުގެ އެއްވަނަ ހޯދަން ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އާއި އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓުން ގުރޫޕުގެ ފަހު މެޗަށް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

ށ. އަތޮޅުގެ ތިން ޓީމުގެ މެޗުގައި މި ގުރޫޕުގެ މެޗުތައް ކުރިއަށް ގެންދާއިރު، ނަރުދޫ ރަމްޒު ސްޕޯޓްސް ތިންވަނަ މެޗުން ބަލިވުމާ އެކު ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަށް ވަނީ، ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުން ޖާގަ ލިބިފަ އެވެ.
ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ޔުނިޓީ ސްޕޯޓްސް އިން ރަމްޒު ސްޕޯޓްސްއާ ވާދަކޮށް މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ރަމްޒު ސްޕޯޓްސް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައި ވާއިރު، އެޓީމަށް ޖެހުނީ ހަ ލަނޑެވެ. އަދި އެ ޓީމު ކޮޅަށް 26 ގޯލު ވަނީ ވަދެފަ އެވެ.
އިއްޔެގެ މެޗުގައި ޔުނިޓީގެ މުހައްމަދު އަގީލް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ މިނިޓުގައި ޖެހިއިރު، 14 ވަނަ މިނިޓުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ލަނޑާ އެކު ފުރަތަމަ ހާފް ނިންމާލި އިރު، އަގީލްގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފް ފެށިގެން ހަވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
އަގީލްގެ ހެޓްރިކް ފުރިހަމަކުރިތާ ހަ މިނިޓު ފަހުން، މެޗުގެ 58 ވަނަ މިނިޓުގައި ޔުނިޓީގެ ހަތަރުވަނަ ލަނޑު ޖެހީ އަލީ ރިޒްވީން އެވެ. އަދި 64 ވަނަ މިނިޓުގައި ރިޒްވީން ވަނީ ދެވަނަ ލަނޑެއް ޖަހައި، ޔުނިޓީ ސްޕޯޓްސް އަށް ފަސް ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ.
ޔުނިޓީ ސްޕޯޓްސްގެ ހަވަނަ ލަނޑު 73 ވަނަ މިނިޓުގައި ޖެހީ އަބްދުﷲ ޒަމީން އެވެ. އަދި ފަހު ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް ސައީދެވެ.
މި މެޗާ އެކު، ޔުނިޓީ ސްޕޯޓްސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓު ވަނީ ޔުނިޓީ ސްޕޯޓްސްއާ ކުޅުނު ފުރަތަމަ މެޗުން ބަލި ވެފަ އެވެ. ނަމަވެސް ރަމްޒު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން ހޯދި ހަ ޕޮއިންޓާ އެކު، ފަހު މެޗުގައި ފުނަދޫ ބަލި ކޮށްގެން ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓަށް ވެސް، ގުރޫޕުގެ އެއްވަނަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
ފޯކައިދޫ އިން ތިން މެޗު ކުޅެ، 15 ގޯލު ޖަހައި، ބައިކޮޅަށް ފަސް ގޯލު ވަދެފައި ވާއިރު، ފުނަދޫ ޔުނިޓީ ސްޕޯޓްސް އިން ވަނީ 14 ލަނޑު ޖަހައިފަ އެވެ. އަދި އެޓީމު ކޮޅަށް ވަދެފައި ވަނީ ޖުމްލަ ހަތަރު ލަނޑެވެ.
މި ގުރޫޕުގެ ފަހު މެޗުގައި ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.