ބަހުރޭނުގެ ޖަލެއް ފަޅާލައިގެން އެތައް ގައިދީންނެއް ނެރެފި
ބަހުރޭނުގެ ޖަލެއް ފަޅާލައިގެން އެތައް ގައިދީންނެއް ނެރެފި

މަނާމާ (ޖެނުއަރީ 1) - ހަތިޔާރު ހިފައިގެން ތިބި ބަޔަކު ބަހުރޭނުގެ ޖަލަކަށް ހަމަލާދީ ފުލުހުންގެ މީހަކު މަރާލުމަށް ފަހު 10 ގައިދީން ނެރެގެން ގެންގޮސްފި އެވެ.

ބަހުރޭނުގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ ވެރިރަށް މަނާމާގެ ދެކުނުގައި ހުންނަ ޖޯ ޖަލުން ނެރެފައި ވަނީ ޓެރަރިޒަމްގެ ކުށުގައި ބަންދުކޮށްފައިވާ މީހުން ކަމަށެވެ. އަދި އެ މީހުން އަތުލައިގަތުމަށް ޓަކައި އެ ސަރަހައްދު ބަންދުކޮށްގެން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވެސް ދާޚިލީ ވުޒާރާ އިން ބުންޏެވެ.

ޖަލަށް ހަމަލާދީފައި ވަނީ އޮޓޮމެޓިކް ރައިފަލާއި ފިސްތޯލަ ހިފައިގެން ތިބި ހައެއް ނުވަތަ ހަތަރު މީހުން ކަމަށް އޮފިޝަލުން ބުނެ އެވެ. މި ހަމަލާތަކުގައި ފުލުހުންގެ އިތުރު މީހަކު ވެސް ވަނީ ޒަހަމްވެފަ އެވެ.

ފުލުހުން ބުނީ ޖަލަށް ހަމަލާދީ ގައިދީން ނެރުނު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ބަހުރޭނުގައި ފެބްރުއަރީ، 2011 ގައި އުފެދުނު ހަމަނުޖެހުންތަކުގައި އެ ގައުމުގެ ވެރިކަމުގައި ތިބި ސުންނީން ލީޑަރުން ޝިއައީންނާ މެދު ތަފާތު ނުކުރަން ވަނީ ގޮވާލައިފަ އެވެ. އަދި ބަހުރޭނުގައި ޑިމޮކްރެސީ ގާއިމް ކުރުމަށް ވެސް ވަނީ ބާރު އަޅައިފަ އެވެ. ނަމަވެސް އެ ފަހަރުގެ ހަމަނުޖެހުންތައް މައިތިރި ކުރުމަށް ބަހުރޭނުގެ ރަސްގެފާން ވަނީ އަވަށްޓެރި ގައުމުތަކުގެ ސިފައިންގެ އެހީތެރިކަން ވެސް ހޯދައިފަ އެވެ. ހަމަނުޖެހުންތައް ހުއްޓުވީ މާޗު، 2011 ގަ އެވެ. ހަމަނުޖެހުންތަކުގައި އާއްމުންގެ 30 މީހުންނާއި ފުލުހުންގެ ފަސް މީހުން ވަނީ މަރުވެފަ އެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް އަސްކަރީ ކޯޓުގައި ހުކުމްކޮށް ގިނަ ބަޔަކު ވަނީ ޖަލަށްލައިފަ އެވެ.