ފްލެޓާ ގުޅޭ މައުލޫމާތު އެމްޑީޕީގެ ޖަގަހައިން ދޭތީ ވައްޑެގެ ކަންބޮޑުވުން!
ފްލެޓާ ގުޅޭ މައުލޫމާތު އެމްޑީޕީގެ ޖަގަހައިން ދޭތީ ވައްޑެގެ ކަންބޮޑުވުން!

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމުމުން، އުނގޫފާރު ދާއިރާގެ އެ ޕާޓީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ، އެމްޑީޕީގެ އެންމެ އިސް އެއް ވައުދު ކަމަށްވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އެހީތެރިވުމަށް މިރެއިން ފެށިގެން ކޮންމެ ރެއަކު 8:00 އިން 10:30 އަށް ސެޝަންތަކެއް އޮންނާނެ ކަމަށެވެ.

އެ ސެޝަންތައް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގަ އެވެ. އެއީ މިދިޔަ މޭ މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއިލްގެ ކެމްޕެއިނަށް ހުޅުވި ތަނެކެވެ.

އެމްޑީޕީގެ ހަރަކާތްތައް އާއްމު ގޮތެއްގައި ބާއްވަނީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޕާޓީގެ ހަރުގެ އަދި ޕާޓީގެ އޮފީހުގަ އެވެ.

އެކަމަށް ފާޑުވިދާޅުވެ، ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން އާއްމުންނަށް ހަމަހަމައަށް ފޯރުކޮށްދޭން ޖެހޭ ކަމެއްގެ ތެރެއަށް ޕާޓީގެ ޖަގަހަތައް ވައްދައިގެން ނުވާނެ ކަމަށެވެ.

އޭރުން އަނެއްކާ ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ ސޮދަގާތު ފައުންޑޭޝަނާއި 'ރުމާލު 2' ގެ ޒަމާން އިޔާދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕާޓީ ތިހާ ދަށަށް ވައްޓާނުލައްވާ،" ފައްޔާޒް ޓެގްކުރައްވައި ވައްޑެގެ ޓްވީޓުގައި ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ސޮދަގާތު ފައުންޑޭޝަނުން ވަނީ ދައުލަތުގެ ވަސީލަތްތަކާއި ތަކެތި ބޭނުންކޮށްގެން، އެ ފައުންޑޭޝަންގެ ނަމުގައި ހަރަކާތްތައް ހިންގައިފަ އެވެ.

ވައްޑެގެ ޓްވީޓަށް ރައްދު ދެއްވައި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އެމްޑީޕީގެ އާއްމު މެމްބަރަކަށް ފަސޭހަވާނެ އަދި އެ މީހުންގެ މަސްލަހަތާ ގުޅުން ހުރި ކަމެއް އެމްޑީޕީން ކުރަން އެ ބޭފުޅުންގެ ލަގޮނޑި އަށް ކިޔަމަން ނުވަނީތޯ ސުވާލު އުފައްދަވަފައިފަ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވެސް ވިދާޅުވީ މީގެ ކުރިން ހަމަ އެކަން އެގޮތަށް ކޮށްފައި އޮތް ނަމަވެސް ޕާޓީން މިހާރު ކުރާ ރަނގަޅު އެއްވެސް ކަމެއް ދެން ނުފެންނާނެ ކަމަށެވެ.