25 ޖުލައި 2022 - 18:32

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ދެ މަގާމުގެ ތެރެއިން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅަކަށް ވާތީ، އޮޓޮމެޓިކުން އެ އެ ދެ ބޭފުޅުން ހޮވިއްޖެ އެވެ.
އަންނަ އޮކްޓޯބަރު 25 ގައި ދައުރު ހަމަވާތީ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ ހޯމަ ދުވަހެވެ. އެ މުއްދަތު މިއަދު ހަމަވިއިރު އިދާރީ ކަންތައްތައް ބަލަހައްޓާ އިސްވެރިޔާގެ މަގާމަށް ކުރިމަތިލެއްވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދެވެ.
އެ މަގާމުގައި މިހާރު ހުންނެވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
މާލީ ކަންތައްތައް ބަލަހައްޓަވާ ނައިބު ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެކަންޏެވެ.
އެމްޑީޕީން ކުރިން ކުރި އިއުލާނުގައި ބުނީ އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 19 ގައި ފަށާ ޕާޓީގެ ކޮންގްރެސްގައި ކަމަށެވެ.
ނަމަވެސް ކޮންމެ މަގާމަކަށް ވެސް އެންމެ ބޭފުޅަކު ކުރިމަތިލާފައި ވާތީ ވޯޓުލުމެއް ނޯންނާނެ އެވެ.