25 ޖުލައި 2022 - 12:30

ޔޫކްރޭންގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 92 މީހެއްގެ މައްޗަށް، ރަޝިޔާ ސަރުކާރުގެ ފަރާތުން، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ދައުވާ އުފުލައިފި އެވެ.
މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ތަހުގީގުތައް ކުރުމަށް ރަޝިޔާ ސަރުކާރުން އުފައްދާފައި އޮންނަ ޚާއްސަ ކޮމިޓީގެ ވެރިޔާ، ޖެނެރަލް އެލެގްޒެންޑާ ބަސްޓްރީކިން އިއްޔެ ވިދާޅުވީ، ޔޫކްރޭން ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތަފާތު ޖަރީމާތަކާ ގުޅޭ 1300 ތަހުގީގެއް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި މި މައްސަލަތަކުގެ ޝަރީއަތް ހިންގުމަށްޓަކައި، ބޮލީވިއާ، އީރާން އަދި ސީރިޔާ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ޓްރައިބިއުނަލެއް އުފެއްދުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
ރަޝިޔާ ސަރުކާރުން ބުނާ ގޮތުގައި، ޔޫކްރޭން ސިފައިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅޭ ގޮތުން، ހައްޔަރުކުރަން ބޭނުންވާ އިތުރު 96 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ޔޫކްރޭން ސިފައިންގެ ކޮމާންޑަރުންގެ ގިންތީގައި ހިމެނޭ 51 އޮފިސަރަކު ވެސް ހިމެނެ އެވެ. އެމީހުންނަކީ އިންސާނިއްޔަތުގެ ރައްކާތެރިކަމާއި ސުލްހަޔާ ދެކޮޅަށް ތަފާތު ޖަރީމާތައް ހިންގާފައިވާ މީހުން ކަމަށް ރަޝިޔާ އިން ތުހުމަތުކުރެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ވެސް، ޔޫކްރޭނުން ދަނީ ތަހުގީގުކުރަމުންނެވެ. އަދި މި ހަނގުރާމައިގައި އަތުލައިގަނެފައިވާ ބައެއް މީހުންގެ މައްޗަށް، ޔޫކްރޭން ސަރުކާރުން ތަހުގީގު ހިންގައި ޝަރީއަތް ކުރުމަށް ފަހު މިހާރު ވަނީ ހުކުމް ތަންފީޒު ކުރަން ފަށައިފަ އެވެ.
ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަނެ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ 21000 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށް އެބަދެ އެވެ.
ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގަމުންދާ "އަސްކަރީ ޚާއްސަ ހަރަކާތްތަކުގައި" އިންސާނިއްޔަތާ ޚިލާފު އެއްވެސް އަމަލެއް ރަޝިޔާ ސިފައިން ނުހިންގަ އެވެ. އަދި ހަނގުރާމައިގެ ޖަރީމާއެއް ވެސް ރަޝިޔާ ސިފައިން ނުހިންގާ ކަމަށް އެ ގައުމުން ބުނެ އެވެ.
ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި ޔޫކްރޭންގެ ސިފައިން ރަޝިޔާ ސިފައިންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ދަނީ ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުގެ މަދަދާއި ބައިވެރިވުން ލިބިގެންނެވެ. އޭގެ ތެރެއިން ވެސް އެމެރިކާ އާއި އިނގިރޭސި ވިލާތާއި ކެނެޑާ އާއި ނެދަލޭންޑާއި ޖޯޖިއާގެ ދައުރު ވަކިން ބޮޑު ކަމަށާއި، އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ރަޝިޔާ އިން ބުނެ އެވެ.