25 ޖުލައި 2022 - 11:25

ދިވެހި ޕްރިމިއާ ލީގު މާޒިޔާ އަށް ކާމިޔާބުކޮށްދިނުމަށް ފަހު ސާބިއާ ކޯޗު މިއޮޑްރަގް ޖެސިޗް އެ ޓީމު ދޫކޮށްލައިފި އެވެ.
އޭނާ އާއެކު މާޒިޔާގެ ފިޓްނަސް ކޯޗުކަމަށް ހަމަޖެއްސި ގޮރާން ގުޒިއަން ވެސް ޓީމު ދޫކޮށް ގޮސްފަ އެވެ.
މާޒިޔާ އިން ބުނީ ޖެސިޗް އާއި ގުޒިއަން ޓީމު ދޫކޮށްލީ ދެފަރާތް ވާހަކަ ދައްކައި ކޮންޓްރެކް އުވާލަން އެއްބަސްވުމަށް ފަހު އެވެ. ޖެސިޗް އާއި ގުޒިއަން ވެސް ރޭ ވަނީ ރާއްޖެއިން ފުރައިފަ އެވެ.
ސައުދީ އަރަބިއާގެ ކްލަބަކާ ޖެސިޗް ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މާޒިޔާގެ ކޯޗު ކަމަށް ޖެސިޗް ހަމަޖެއްސީ ފެބްރުއަރީ މަހު އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބަށް ފަހު އޭރުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ވަކި ކުރުމަށް ފަހު މާޒިޔާއިން ޖެސިޗް އާއެކު އެއްބަސްވުން ހެދީ މި ސީޒަންގެ ނިޔަލަށެވެ.
މާޒިޔާ އަށް ހަތަރު ވަނަ ފަހަރަށް ލީގު ހޯދައިދިން ޖެސިޗް އަކީ ލީގުގައި އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެދިން ކޯޗެވެ. ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުވެ 54 ޕޮއިންޓް ހޯދައިދިނެވެ. ބަލިވީ އީގަލްސް އަތުންނެވެ.
ޑޮމެސްޓިކް ލީގުގައި ޖެސިޗްގެ ރެކޯޑް ރަނގަޅަސް، އޭނާ އަށް އޭއެފްސީ ކަޕްގައި މާޒިޔާ އަށް ކާމިޔާބު ހޯދައެއް ނުދެވުނެވެ. އެގޮތުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އަތުން ބަލިވެ އަނެއް ބުރަށް ނުދެވުނެވެ. އެ މުބާރާތުގައި މާޒިޔާ އަށް މޮޅު ވެވުނީ އިންޑިއާގެ ޗެމްޕިއަން ގޯކްލަމް ކެރަލާ އަތުން އެކަންޏެވެ.
ލީގުގައި ކުރިއަށް އޮތް ދެ މެޗާއި އެފްއޭ ކަޕްގައި މާޒިޔާ އަށް އިރުޝާދު ދޭނެ ކަމަށް ބެލެވެނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒައިރު (ކޮއްކޮ) އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދު ދީފަ އެވެ.