02 އޯގަސްޓް 2022 - 13:32

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މުސާރަ، ބައި ލައްކަ ރުފިޔާއަށް ބޮޑުކޮށްފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަން ހިންގާ ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިދިޔަ ހަފުތާގައި ވިދާޅުވީ ޕޭ ފްރޭމްވޯކްގެ ދަށުން އެންޑީއޭގެ ސީއީއޯގެ މުސާރައަށް ބަދަލުތައް ގެނައުމުގެ ހުއްދަ އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ޕޭ ކޮމިޝަނުން ހުއްދަ ދީފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 48،450ރ. އަށް ސީއީއޯގެ މުސާރަ ބޮޑުކުރާށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ވެސް މުސާރަ ކުޑަވުމެވެ. އެ ސަބަބާ ހެދި އެ މަގާމު ހުސްކޮށް އޮންނަތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެ މަގާމުގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން ދިޔައީ މަހަކު 18،000ރ. އާއި 1،000ރ. ގެ ފޯން އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. އެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމަށް އެންމެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ 18 ގައި އައްޔަންކުރެއްވީ މުހައްމަދު ހަބީބެވެ. ނަމަވެސް، ޕްރޮބޭޝަންގެ މުއްދަތުގައި ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާ ކަމަށް ބުނެ، މިދިޔަ އަހަރުގެ މެއި 16 ގައި ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.
އޭގެ ފަހުން، އެންޑީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ މާޗު މަހު އިއުލާންކުރުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. އެކަމަކު، އެއްވެސް މީހަކު އައްޔަންކުރެވޭ ގޮތެއް ނުވި އެވެ.
އެންޑީއޭގެ ކަންކަން ރަނގަޅުކުރުމަށް އެ އެޖެންސީ ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި، ހެލްތު މިނިސްޓްރީގެ ދަށަށް މިދިޔަ އަހަރުގެ މެއި މަހު ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ ތަނުގެ ބޯޑަށް ބޮޑެތި ބަދަލުތައް ގެނެސްފައިވެ އެވެ. މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން، އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިި ވާނީ ސީއީއޯ އެވެ.