24 ޖުލައި 2022 - 19:29

ކުނި އުކާލުމުގެ ހިދުމަތަށް ފަސޭހަ އިން ރަޖިސްޓްރީވެވޭ ގޮތަށް ވެމްކޯ އިން "ޑޯ ސްޓެޕް ޕްލަސް" ތައާރަފުކޮށްފި އެވެ.
ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގޭބިސީތައް ރަޖިސްޓްރީކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބަދަލުކޮށްފައިވާ ކަމަށެވެ. އެ ބަދަލާ އެކު އެހެނިހެން ޔުޓިލިޓީ ހިދުމަތްތަކޭ އެއްގޮތަށް، ކުނި އުކާލުމުގެ ހިދުމަތަކީ ވެސް އިމަރާތެއްގެ ވެރިފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވޭ ހިދުމަތަކަށް ވަނީ ހަދައިފަ އެވެ.
އެކަމަކު މި ބަދަލުގެ ސަބަބުން، ހިދުމަތް ރަޖިސްޓްރީކުރަން ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެ ޝަކުވާ ލިބިފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.
"ރަޖިސްޓްރީކުރުމަށް އިމާރާތުގެ ވެރި ފަރާތުން އެއްބާރުލުން ނުދިނުމާއި ނުވަތަ އެފަރާތްތަކުން ރަށުން ބޭރުގައި ދިރިއުޅުމުގެ ސަބަބުން ވެމްކޯގައި ރަޖިސްޓްރީނުކުރެވި ގިނަ އަދަދެއްގެ ގޭބިސީ ހުރި މައްސަލަ ވަނީ ފާހަގަކުރެވިފަ އެވެ،" ވެމްކޯގެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެފަދަ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތަކަށް ވެމްކޯގެ ހިދުމަތާ ގުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ޑޯ ސްޓެޕް ޕްލަސް" ހިދުމަތް ތައާރަފުކޮށްފައިވާއިރު ވެމްކޯގެ ވެބްސައިޓުން އެ ހިދުމަތަށް އެދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހިދުމަތް ދޭނީ ޑިޕޮސިޓެއް ދެއްކުމަށް ފަހު، ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމުންނެވެ.
- ރަޖިސްޓްރީކުރަން ބޭނުންވާ މީހާގެ އައިޑީކާޑު/ ޕާސްޕޯޓް
- ރަޖިސްޓްރީކުރަން ތިން މަސް ދުވަހުގެ ކުނި އުކާލުމުގެ ހިދުމަތުގެ ފީ (ނޮން ރިފަންޑަބަލް ފީއެއް)
- 50 ރުފިޔާގެ އިދާރީ ފީއެއް
ވެމްކޯ އިން ބުނީ ކުރިން އިއުލާނުގައިވާ ގޮތަށް، އިމާރާތުގެ ވެރިފަރާތުން ކުނި އުކާލުމުގެ ހިދުމަތް އަމިއްލަ ނަމަށް ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެ އިމާރާތުގައި ދިރިއުޅޭ އަމިއްލަ ފަރުދުންގެ އެކައުންޓްތައް ކެންސަލްކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ، ވެމްކޯގެ ކޯލް ސެންޓަރު ހުޅުވިފައި ހުންނަ ވަގުތު، 1666 އަށް ގުޅައިގެން ސާފުކުރުމަށް ވެސް އެ ކޯޕަރޭޝަނުން އެދިފައިވެ އެވެ.