ޓެސްޓިކިއުލާ ޓިއުމަރު ނަގަން އަލެއާ ސާޖަރީ ހަދައިފި
ޓެސްޓިކިއުލާ ޓިއުމަރު ނަގަން އަލެއާ ސާޖަރީ ހަދައިފި

ޑޯޓްމަންޑް (ޖުލައި 28) - އާލިން ބްރައުޓް ހާލަންޑް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލުމާ އެކު އެ ޓީމުން ގެނައި އައިވަރީ ކޯސްޓުގެ ފޯވާޑް ސެބަސްޓިއެން އަލެއާ، ޓެސްޓިކިއުލާ ޓިއުމަރެއް ނަގަން ސާޖަރީ ހަދައިފި އެވެ.

ނެދަލެންޑްސްގެ އަޔެކްސް ދޫކޮށް ޑޯޓްމަންޑަށް ބަދަލުވި އުމުރުން 28 އަހަރުގެ ފޯވާޑަށް ޓެސްޓިކިއުލާ ކެންސަރު ޖެހިފައި ވާކަން އެނގުނީ ސްވިޒަލެންޑުގައި މިދިޔަ ހަފްތާ، ކުލަބާ އެކު ޕްރީ ސީޒަން ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށް، އޭނާގެ ސިއްހީ ހާލަތު ގޯސްވާން ފެށުމުން ހެދި ޓެސްޓުތަކަކަށް ފަހު އެވެ.

"ސެބަސްޓިއެން ވަނީ މިދިޔަ ހަފްތާ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. ވަރަށް ފުރިހަމައަށް ދިޔައީ އޮޕަރޭޝަންގެ ކަންކަން. އަހަރެމެން އެދުނިން ކެތްތެރި ވާން. މިހާރު އަންނަނީ އޭނާގެ ރިކަވަރީ އަށް ތެރަޕީތަކާ މެދު މަޝްވަރާ ކުރަމުން،" ޑޯޓްމަންޑުގެ ސްޕޯޓިން ޑިރެކްޓަރު ސެބަސްޓިއެން ކެލް ބުންނެވެ.

"އޭނާ ކުޅުމާ ދުރުގައި ދުވަސްކޮޅަކު މަޑުކުރަން ޖެހޭނެ، އެކަމަކު އަލުން ކުޅުމުގެ ތެރެއަށް ނުކުންނާނެ ތާރީހެއް ފަހުން ހާމަ ކުރެވޭނެ."

އަޔެކްސް ދޫކޮށް އަލެއާ ޑޯޓްމަންޑަށް ބަދަލުވީ 31 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށެވެ. އަޔެކްސް އަށް ބަދަލު ވުމުގެ ކުރިން އޭނާ ވަނީ އިންގްލެންޑުގެ ވެސްޓް ހޭމް އަށް ވެސް ކުޅެފަ އެވެ.

އަލެއާ ވަނީ މިދިޔަ ސީޒަނުގެ މުޅިން އަލަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅެ، 11 ގޯލު ޖަހައިފަ އެވެ. އޭނާ އަށް ވުރެ ގިނައިން މިދިޔަ ސީޒަނުގައި ލަނޑު ޖެހީ، ބެޔާން މިއުނިކަށް 13 ލަނޑު ޖަހައިދިން ރޮބާޓް ލެވަންޑޯސްކީ އާއި 15 ލަނޑު ޖެހި ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އެވެ.

ޓެސްޓިކިއުލާ ކެންސަރު ޖެހިފައިވާކަން އެނގުމާ އެކު އަލެއާ ވަނީ ޓްރެއިނިން ކޭމްޕް ދޫކޮށް އެނބުރި ޑޯޓްމަންޑަށް ގޮސްފަ އެވެ. އަދި ސާޖަރީ އަށް ފަހު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ކުލަބަށާއި، ކުލަބުގެ މެޑިކަލް ސްޓާފުންނަށް ޝުކުރު އަދާ ކޮށްފަ އެވެ.

ޑޯޓްމަންޑް ދޫކޮށް ހާލަންޑް، މެންޗެސްޓާ ސިޓީ އަށް ބަދަލު ވެފައި ވާއިރު، އެޓީމުގެ މިޑްފީލްޑަރު އަކްސެލް ވިޓްސެލް ވަނީ ހިލޭ ޓްރާންސްފާގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިށަށް ބަދަލު ވެފަ އެވެ.

އަލެއާ ގެނައުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ހިލޭ ޓްރާންސްފާ ގައި ބެޔާން އަށް ކުޅޭ ޖަރުމަން ޑިގެންޑަރު ނިކްލަސް ސޫލޭގެ އިތުރުން 20 މިލިއަން ޑޮލަރަށް ފްރެއިބާގަށް ކުޅޭ ޖަރުމަން ޑިފެންޑަރު ނިކޯ ޝްލޮޓާބެކް ގެ ސޮއި ހޯދައިފަ އެވެ. މީގެ އިތުރުން ރެޑްބުލް ސަލްޒްބާގަށް ކުޅޭ ޒުވާން ފޯވާޑް ކަރިމް އަޑޭއެމީ 30 މިލިއަން ޑޮލަރަށް ގެނައި އިރު އެފްސީ ކޯން އަށް ކޫޅޭ ތުރުކީ މިޑްފީލްޑަރު ސާލިހް އޮޒްކާން ހޯދަން ވަނީ ފަސް މިލިއަން ޑޮލަރު ހަރަދު ކޮށްފަ އެވެ.