ދަރިން ބެލުން މާމަ އާއި ކާފައާ ވެސް ހަވާލުކުރަންޖެހޭ
ދަރިން ބެލުން މާމަ އާއި ކާފައާ ވެސް ހަވާލުކުރަންޖެހޭ

ދަރިންގެ ޒިންމާއާ ހެދި ނޭވާ ނުލެވިގެން އުޅޭއިރު ވެސް ބައެއް މީހުން ދަރިންގެ އެއްވެސް ކަމަކާ އެ މީހުންގެ މައިންބަފައިން ނުބައްސަ އެވެ. ނަމަވެސް މާމަ އާއި ކާފަ އަކީ މުހިންމު ބައެކެވެ. ކާފަ/މާމަ ދަރިންނާ އެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު އެ މީހުންނަށް ދިނުމަކީ އެ މީހުންގެ ސިއްހަތަށް ފައިދާކުރާ ކަމެކެވެ.

މާމާ/ކާފަ އަށް ވުމަށް ފަހު އެކަނި ދިރިއުޅެން ދޫކޮށްލުމަކީ ހީނުކުރާ ވަރުގެ ގެއްލުންތަކެއް އެ މީހުންނަށް ލިބޭނެ ކަމެކެވެ. އޭގެ ބަދަލުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދަރިފުޅު ބަލަހައްޓަން ވެސް އެ މީހުންނާ ހަވާލުކޮށްލުމަކީ އެމީހުންނަށް އިންތިހާއަށް އުފާ ލިބޭނެ ކަމެކެވެ. އެއްވެސް މީހަކު ދަރިން ބަލައިދޭން އިސް ނުނެގިޔަސް މާމަ އާއި ކާފަ އުފަލުން އެ ދަރިން ބަލައިދޭން އެދޭނެ އެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އަބަދު ނޫނަސް ދޭތެރެ ދޭތެރޭން ކުދިން ގެނެސް މާމަ/ކާފައާ ހަވާލުކޮށްލުމަކީ މުސްކުޅި ދެމަފިރިންގެ ސިއްހަތަށް ފައިދާކޮށް އުމުރު ދިގުވެ އެވެ.

މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އަޅާލުން ދިނުމުން އެލިބޭ ހިތްހަމަޖެހުމަކީ ވެސް މީހާގެ އުމުރަށް ދެތިން އަހަރު އިތުރުވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން އަމިއްލަ ދަރިންގެ ދަރިންނަށް އަޅާލާ އެކުދިން ބަލަހައްޓާނެ ފުރުސަތު ލިބޭ މާމާއިންނާއި ކާފައިންނަށް ލިބޭނެ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ވަރަށް ފަހުން ދިރާސާއެއް ކުރި އެވެ. މި ދިރާސާގައި، އުމުރުން 70 އަހަރާއި 103 އަހަރާ ދެމެދުގެ ޖަރުމަނާއި ސްވިޒަލެންޑްގެ 500 މީހުން އާއިލާއާ އެކު މިހާތަނަށް އުޅުނު ގޮތް ދެނެގަތެވެ. މި މީހުންނަކީ އެމީހުންގެ މާމަ އަދި ކާފަ ދަރިން އަބަދާ އަބަދު ބަލަހައްޓަމުންދާ ބައެއް ނޫންކަން ސައިންސްވެރިން ޔަގީން ކުރި އެވެ. އެމީހުން ހޮވާފައިވާ މީހުންނަކީ ދޭތެރެދޭތެރެއިން އެމީހުންގެ މާމަ ނުވަތަ ކާފަ ދަރިން ބަލަމުންދިޔަ ބައެކެވެ.

ދަރިން ނުލިބޭ މީހުން މީގެ ތެރޭގައި ތިއްބަސް، އެހެން ގޮތްގޮތުން ކުޑަކުދިންނަށް އަޅާލާ ލޯބިދީ ބެލެހެއްޓި މީހުންނާއި ދަރިން ނުލިބޭތީ އެއްގޮތަކަށް ވެސް ކުދިންނާ އަޅާލުމުގެ ބައި ނެތް މީހުންގެ މެދުގައިވާ ފަރަގު ވެސް ސައިންސްވެރިން ހޯދި އެވެ.

މި ދިރާސާގެ ބައިވެރިންގެ ތެރެއިން، އަމިއްލައަށް އެދިގެން މާމަ/ކާފަ ދަރިން ބެލި މީހުންނާއި ދޭތެރެ ދޭތެރެއިން އެގޮތަށް ކުދިން ބެލި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދިރާސާއަށް 10 އަހަރު ވީއިރު ވެސް ދުނިޔޭގައި ތިއްބެވެ. ނަމަވެސް ކުދިން ބަލާނެ ފުރުސަތު ލިބިފައި ނެތް މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުން ވަނީ މަރުވެފަ އެވެ.

ޖާނަލް އިވޮލިއުޝަން އެންޑް ހިއުމަން ބިހޭވިއާގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން އަމިއްލަ ދަރިން ނެތަސް ދަރިންނަށް އަޅާލުމުގެ ޒިންމާ އުފުލި މީހުން އުމުރު ހަތް އަހަރު ދިގުވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ. ނަމަވެސް ދަރިން ނުލިބޭތީ ކުޑަކުދިން ގެންގުޅުމުގެ ނުވަތަ ބެލެހެއްޓުމުގެ ޒިންމާ އެއްގޮތަކަށް ވެސް ނުނަގާ ތިބި އުމުރުން ދުވަސްވީ މީހުން އެހެން މީހުންނާ އަޅާބަލާއިރު އަވަހަށް މަރުވިކަން ފާހަގަވެފައިވެ އެވެ.

ދިރާސާގެ އިސް ސައިންސްވެރިއަކު ވިދާޅުވީ ދަރިން ބެލުމުގައި އެހީތެރިވުމުގެ މާނަ އަކީ އަބަދާ އަބަދު ދަރިން ބެލެހެއްޓުމާ ހަވާލުވުން ނޫން ކަމަށެވެ. އެހެން ހަދައިފިނަމަ އުމުރުން ދުވަސްވީ މީހުން މާބޮޑަށް ހާސްވެ ސްޓްރެސްވެ ނަފްސާނީ ގޮތުން ވެސް މައްސަލަތައް ދިމާވެ، ސިއްހީ އިތުރު މައްސަލަތައް ދިމާވާނެކަން ސައިންސްވެރިން ވިދާޅުވެ އެވެ.

"އެންމެ ރަނގަޅީ އާދައިގެ ވަރަކަށް މާމަ/ކާފަ ދަރިންނަށް ލޯތްބާއި އަޅާލުން ދެވޭ ކަހަލަ މާހައުލެއް އޮތުން. އޭރުން އުމުރުން ދުވަސްވީ މީހުންގެ ސިއްހަތަށް ރަނގަޅު އަސަރުތައް ކުރަނީ،" ސައިންސްވެރިޔާ ވިދާޅުވެފައިވެ އެވެ.