25 ޖުލައި 2022 - 07:01

ބޮލީވުޑްގެ ތަރި ސަނާ ޚާން ފިލްމު ކުޅުން ހުއްޓާލައި، ބުރުގާ އަޅައި ދިރިއުޅުން އެއްކޮށް ބަދަލުކޮށްލީ، ހުވަފެނުގައި ފެނުނު ބިރުވެރި މަންޒަރުތަކެއްގެ ސަބަބުން ކަމަށް އޭނާ ބުނެފި އެވެ.
"ވަޖާ ތުމް ހޯ" އާއި "ޖެއި ހޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކުރި ސަނާ ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އޭރު އޭނާ ބުނީ، ފިލްމީ ދާއިރާއާ ދުރަށް ދަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށާއި ދިރިއުޅުމަށް ގެންނަ ބަދަލުގެ ސަބަބުން އޭނާގެ ހަޔާތް އެއްކޮށް ބަދަލުވާނެ ކަމަށެވެ.
އެކަމަކު، ސައުތު އޭޝިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފިލްމީ ދުނިޔެއާ ދުރަށް ޖެހުނު ސަބަބު ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ.
ސަނާ ބުނީ އޭނާގެ ކުރީގެ ދިރިއުޅުމުގައި ހުރިހާ އެއްޗެއް ލިބުނު ކަމަށެވެ. މަޝްހޫރުކަމާއި ނަމާއި ފައިސާ އޭނާ އަށް ލިބި، ބޭނުން ކަމެއް ކުރުމުގެ ފުރުސަތު އޭރު އޮތަސް ހިތުން ބައެއް މަދު ކަމުގެ އިހުސާސް އޭރު ވެސް ކުރެވޭ ކަމަށް ބުންޏެވެ.
"އަހަރެންނަށް ހުރިހާ އެއްޗެއް ލިބުނަސް އުފަލެއް ނުލިބޭތީ ސުވާލު އުފެދޭ. އެއީ ވަރަށް ޓަފް ދުވަސްތަކެއް. މީހާ ޑިޕްރެސްވޭ. ބައެއް ދުވަސްތަކުގައި މާތްﷲ ގެ ކިބަފުޅުން އެކި ސައިންތައް ފެނޭ،" ސަނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި 2019 ވަނަ އަހަރުގެ ރޯދަ މަހު އޭނާ އަށް ހުވަފެނުގައި ފެންނަން ފެށީ ކައްވަޅުގައި އަނދައަނދައި ހުންނަ މަންޒަރެވެ. އަދި ކައްވަޅުގައި އޭނާގެ ހަށިގަނޑު އަނދާ މަންޒަރު ވެސް ފެންނަން ފެށި ކަމަށް ބުންޏެވެ.
"އެ ހިސާބުން ހިތަށް އެރީ އަހަރެން ބަދަލު ނުވެއްޖިއްޔާ އެއީ އަހަރެންގެ ނިމުން އަންނާނެ ގޮތޭ. މީހާ ބިރުގަންނަން ފެށި،" ފިލްމު ކުޅުން ހުއްޓާލައި އިސްލާމްދީނުގެ ކަންކަމަށް ސަމާލުކަން ދޭން ފެށުނު ސަބަބާ ގުޅޭ ގޮތުން ސަނާ ބުންޏެވެ.
ރޮމުންރޮމުން ސަނާ ބުނީ ބުރުގާ އެޅީ އެއްވެސް މީހަކު އޭނާގެ ފަހު ދުވަހަކީ ބުރުގާ އަޅާ އެންމެ ފުރަތަމަ ދުވަހަށް ވުމަށް ނޭދޭނެތީ ކަމަށެވެ. އެހެންވެ، އޭނާ ފެށީ އިސްލާމްދީނަށް މީހާގެ ހިތް ޖައްސާ ދަރުސްތައް އަޑުއަހާށެވެ. އޭގެ ނަތީޖާއަކީ އެ ދަރުސްތަކުން ބޮޑެތި އިބުރަތްތައް ލިބި ބުރުގާ އަޅަން ނިންމުމެވެ. އޭގެ ފަހުން ދުވަހަކު ވެސް ބުރުގާ ނުބާލާނެ ކަމުގެ އަޒުމާ އެކު ކުރިއަށް ދާން ނިންމީ ކަމަށް ސަނާ ބުންޏެވެެ.
ސަނާ ބުނިގޮތުގައި އޭނާ އަބަދުވެސް ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވެ އެވެ. އެހެންވެ، އެ ކަން މި އަހަރު ހަގީގަތަކަށް ވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ސަނާ ބުނީ، ފިލްމު ކުޅެން އުޅުނުއިރު ވެސް އޭނާ އުމްރާގެ އަޅުކަން އަދާކުރެ އެވެ. އޭރު މައްކާ އަށް ގޮސް އުމްރާގެ އަޅުކަމުގައި އުޅޭއިރު، ހިޖާބު ލައިގެން އުޅުނަސް އަނބުރާ ގައުމަށް ދާ ގޮތަށް ކުރު ހެދުންތަކަށް ބަދަލުކުރެވޭ ކަމަށް ބުންޏެވެ. އެކަަމަކު ދެން އެ މަގުން ދުވަހަކު ވެސް ނުދާން އޭނާ ހުރީ އަޒުމު ކަނޑައަޅައިގެންނެެވެ.
ސަނާ އެކްޓިންއާ ދުރަށް ދިޔައިރު ކުޅެން ފަށާފައި އޮތް ފިލްމެއް ވެސް އޮތެވެ. އެއީ "ޓޮމް، ޑިކް އެންޑް ހެރީ 2" އެވެ. ސަނާ ވަނީ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" އަދި "ޖަލަކް ދިކްލާޖާ" ހިމެނެ އެވެ.