އެމްޓީސީސީ ނޯތު ލީގު/ ދެވަނަ ޑިވިޝަން: ނަރުދޫ ތިންވަނަ މެޗުން ވެސް ބަލިވެ، ފޯކައިދު އާއި ފުނަދޫ އެއް ވަނަ ޑިވިޝަނަށް
އެމްޓީސީސީ ނޯތު ލީގު/ ދެވަނަ ޑިވިޝަން: ނަރުދޫ ތިންވަނަ މެޗުން ވެސް ބަލިވެ، ފޯކައިދު އާއި ފުނަދޫ އެއް ވަނަ ޑިވިޝަނަށް

ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގައި ނަރުދޫ ރަމްޒު ސްޕޯޓްސް ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެ، ފޯކައިދޫ އާއި ފުނަދޫ އަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ލިބިއްޖެ އެވެ.

އެމްޓީސީސީ ނޯތު ލީގު/ ދެވަނަ ޑިވިޝަން: ނަރުދޫ ތިންވަނަ މެޗުން ވެސް ބަލިވެ، ފޯކައިދު އާއި ފުނަދޫ އެއް ވަނަ ޑިވިޝަނަށް
އެމްޓީސީސީ ނޯތު ލީގު/ ދެވަނަ ޑިވިޝަން: ނަރުދޫ ތިންވަނަ މެޗުން ވެސް ބަލިވެ، ފޯކައިދު އާއި ފުނަދޫ އެއް ވަނަ ޑިވިޝަނަށް

ފޯކައިދޫ ދަނޑުގައި އިއްޔެ ހަވީރު އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓާ ވާދަކޮށް، ނަރުދޫ ރަމްޒު ސްޕޯޓްސް ބަލިވީ 8-2 އިންނެވެ.

މި ނަތީޖާއާ އެކު، މެޗަކުން ޕޮއިންޓެއް ނުހޯދި އޮތް ނަރުދޫ އަށް ވަނީ ނޯތު ލީގު އެއްވަނަ ޑިވިޝަނުން ޖާގަ ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ. އަދި މިއާ އެކު ފޯކައިދޫ އާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އަށް ވަނީ ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުން ސީދާ ޖާގަ ޔަގީންވީ އެވެ.

ށ. އަތޮޅަށް ނިސްބަތްވާ ތިން ރަށުގެ ޓީމާ އެކު ކުރިއަށް ގެންދާ މި ގުރޫޕުގެ ފުރަތަމަ މެޗުގައި ވެސް ފޯކައިދޫން ވަނީ ފަސޭހަ ކަމާ އެކު ފުރަތަމަ މެޗް ކާމިޔާބު ކޮށްފަ އެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ފޯކައިދޫން ހަތަރު ގޯލުގެ ލީޑެއް ނެގި އެވެ. އެންމެ ފުރަތަމަ ލަނޑު 22 ވަނަ މިނިޓުގައި ޖަހައިދިނީ ކުރިން ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަދި ގދ. ތިނަދޫ ޓީމަށް ވެސް އެއްވަނަ ޑިވިޝަނުގައި ކުޅުނު ޒުވާން ފޯވާޑް މުހައްމަދު ރިސްވާން (ފުކޭ) އެވެ. އޭނާ ވަނީ ފޯކައިދޫ މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ފޯކައިދޫން ލީޑު ނެގިތާ ދެ މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން 24 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ އަހުމަދު ރިލްވާނެވެ. އަދި ޖެހިގެން އައި މިނިޓުގައި ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް މުޝީރެވެ. އޭގެ 12 މިނިޓު ފަހުން، ފޯކައިދޫގެ ހަތަރުވަނަ ލަނޑު ވެސް ޖަހައިދިނީ މުޝީރެވެ. ނަމަވެސް ރަމްޒު ސްޕޯޓްސް އެކަޑަމީ އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 45 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އަލީ ރަމްޒީ އެވެ.

ދެވަނަ ހާފު ފަށައިގެން، ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ރަމްޒު ސްޕޯޓްސް އިން ނަތީޖާގެ ފަރަގު ކުޑަކުރަން މަސައްކަތް ކުރި އެވެ. މެޗުގެ 54 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ހުސެއިން ހަލީމް އެވެ. ނަމަވެސް ފޯކައިދޫން ވަނީ މި ހާފުގެ ބާކީބައިގައި އިތުރު ހަތަރު ލަނޑު ޖަހައި، ފަސޭހަ ކަމާ އެކު މެޗު ކާމިޔާބު ކޮށްފަ އެވެ.

ފޯކައިދޫން ފަހުން ޖެހި ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ އެންމެ ފަހު 20 މިނިޓުތެރޭގަ އެވެ. އެ ޓީމުގެ ފަސްވަނަ ލަނޑު 71 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މިފަހަރު ޖަހައިދިނީ އަބްދުﷲ މާލިކެވެ. އަދި މާލިކު އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ 80 ވަނަ މިނިޓުގަ އެވެ. އޭގެ ހަތަރު މިނިޓު ފަހުން ހަތްވަނަ ލަނޑު ޖަހައިދިނީ، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ހަމްދޫން ރަޝީދެވެ. އަދި މެޗުގެ 88 ވަނަ މިނިޓުގައި ފޯކައިދޫގެ އަށްވަނަ ލަނޑު ޖަހައި މުޝީރު ވަނީ އޭނާގެ ހެޓްރިކް ވެސް ފުރިހަމަ ކޮށްފަ އެވެ.

ނަރުދޫއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ފޯކައިދޫ ކާމިޔާބު ކުރިއަސް، އެ ޓީމު ވަނީ ފުނަދޫ ޔުނިޓީ ސްޕޯޓްސްއާ ކުޅުނު މެޗުން ބަލި ވެފަ އެވެ. އިއްޔެގެ މެޗަށް ފަހު ފޯކައިދޫ އާއި ނަރުދޫ ރަމްޒު ސްޕޯޓްސް އަށް ވެސް ވަނީ ތިން މެޗު ކުޅެވިފަ އެވެ.

ޔުނިޓީ ސްޕޯޓްސް އިން އެޓީމުގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު، ރަމްޒު ސްޕޯޓްސްއާ ދެކޮޅަށް ނުކުންނައިރު، ރަމްޒު ސްޕޯޓްސް އާއި ފޯކައިދުއާ ދެކޮޅަށް އެޓީމު ކުޅުނު ފުރަތަމަ ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ގުރޫޕުގެ ފަހު މެޗުގައި ބުދަ ދުވަހު ހަވީރު ފޯކައިދޫ އާއި ޔުނިޓީ ސްޕޯޓްސް ކުލަބް ބައްދަލުކުރާނެ އެވެ.