ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެކްސްޕޯ އަންނަ މަހު
ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެކްސްޕޯ އަންނަ މަހު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެކްސްޕޯ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އަންނަ މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިވެންޓުގެ މެއިން އޯގަނައިޒަރު ދިވެހި އެކްސްޕޯ ސާވިސަސް އިން ބުނީ އެ އިވެންޓު ބާއްވަނީ ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ޓްރޭޑް ފެއާ އޯގަނައިޒާ ސީޑީސީ އިވެންޓްސްއާ ގުޅިގެން ކަމަށެވެ. އެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 އިން 30 އަށެވެ. އެ އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރަކީ ސިމްޑީ އެވެ. އެ އެކްސްޕޯއަކީ ބައިނަލްއަގުވާމީ ކަލިނަރީ ޗެލެންޖަކާ އެކު ކުރިއަށްދާ ހޮސްޕިޓަލިޓީ އިވެންޓެކެވެ.

މި އަހަރުގެ އެ އިވެންޓުގައި އިވެންޓުގައި 100 އަށް ވުރެ ގިނަ އެގްޒެބިޓަރުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިވެންޓުގެ އޯގަނައިޒަރުން ބުނެއެވެ. އަދި ހާހަކަށް ވުރެ ގިނަ ޕްރޮޑަކްޓާއި ބްރޭންޑުތައް އެ އެކްސްޕޯ އިން ފެންނާނެ ކަމަށް ވެސް ބުނެއެވެ.

ދިވެހި އެކްސްޕޯ ސާވިސަސް އިން ބުނީ އެ އިވެންޓަކީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އިވެންޓެއް ނަމަވެސް އިވެންޓުގެ މާހައުލު ފެންނާނީ ތަފާތުކޮށް ކަމަށެވެ. އެގޮތުން އިވެންޓުގެ އިންފްރާސްޓްރަކްޗާ އަށް ވަރަށް ރަނގަޅަށް އިންވެސްޓުކޮށް، އެ އިވެންޓަށް ހޯލެއް ފަދަ ތަނެއްގެ ގޮތުގައި އެ ތަން ރާވާ އިންތިޒާމު ކުރާނެ ކަމަށް ދިވެހި އެކްސްޕޯ އިން ބުނެއެވެ. އަދި އެ ތަން ހުންނާނީ އޭސީކޮށް، ބޭރު ގައުމުތަކުގައި ވެސް އެ ފަދަ އެކްސްޕޯތައް ބާއްވާ ފެންވަރުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެފްއެޗްއޭއެމް އެކްސްޕޯގައި ތަފާތު ހަރަކާތްތަކެއް ފެނިގެން ދާނެ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ
އެއް ހަރަކާތަކީ އެ އެކްސްޕޯގެ ކަލިނަރީ ޗެލެންޖެވެ. އެ ޗެލެންޖަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް އިން އެންޑޯސް ކޮށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ޝެފްސް ގިލްޑް އޮފް ލަންކާ އިން ކޯ އޯގަނައިޒް ކުރާ މުބާރާތެކެވެ. ނެސްލޭ ޕްރޮފެޝަނަލްއިން ސްޕޮންސާ ކުރާ އެ މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސްގެ ޝެފުންނެވެ.

އެ އެކްސްޕޯގައި އިތުރު މުބާރާތެއްގެ ގޮތުގައި ފެބްރީ އިން ސްޕޮންސާކޮށް ބާއްވާ މޮކްޓެއިލް ކޮމްޕެޓިޝަން އަކާއި ލަވާޒާ އިން ސްޕޮންސާކޮށް ބާއްވާ ބަރިސްތާ ކޮމްޕެޓިޝަން ހިމެނެއެވެ. އެ އެކްސްޕޯގައި ހައުސްކީޕާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހައުސްކީޕާ ޗެލެންޖެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިން ދުވަހުގެ އެ އެކްސްޕޯގައި 100 އަށް ވުރެ ގިނަ ރިސޯޓާއި، އެކި ގެސްޓުހައުސްތަކާއި، ރެސްޓޯރެންޓު އަދި ހޮޓެލްތަކަށް ތަކެތި ހޯދާ ފަރާތްތަކުން ޒިޔާރަތް ކުރާނެ ކަމަށް ދިވެހި އެކްސްޕޯއިން ބުނެއެވެ. އެ އެކްސްޕޯ އަކީ ކޮވިޑަށް ފަހު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ އެވެ.