24 ޖުލައި 2022 - 11:13

އައްޑޫ ހިތަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވަން އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި 12،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނަސް އޭގެތެރެއިން ވޯޓުލީ ހާހެއްހާ މީހުން ކަމަށާއި އެ އިންތިހާބުތައް ވަރަށް ބޮޑު އިސްރާފަކަށް ވެފައިވާ ކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފާޅުކޮށްފި އެވެ.

ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ޓުވީޓްކުރެއްވި ފޮޓޯއަކުން އޭނާ ދައްކާލެއްވީ ހިތަދޫގައި އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި އެއްވެސް ތަރުހީބެއް ނެތި ވޯޓުލާ މަރުކަޒު ހުހަށް އޮއްވަ އެވެ. މިއީ ކޮންމެ އިންތިހާބެއްގެ ވެސް ހާލަތު ކަމަށް ސިފަކުރައްވައި އޭނާ ވިދާޅުވީ އެ އިންތިހާބުތައް އީސީގެ ބަޖެޓަށް ވަރަށް ބޮޑު ބުރައަކަށް ވެފައިވާ ކަމަށެވެ.
އައްޑޫގެ ބައި އިލެކްޝަނުގެ ޓާންއައުޓް އަށް ޕަސެންޓުގައި ހުރި ނަމަވެސް ޖުމްލަ 800،000ރ. ހޭދަވި ކަމަށް ހަބީބު ވިދާޅުވި އެވެ.
ކޮމިޓީތަކުގެ އިންތިހާބުތަކާ ހެދި ކޮމިޝަނުގެ ބަޖެޓު ގާތްގަނޑަކަށް ހުސްވެއްޖެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައި ކަމާގުޅޭ އިދާރާތައް ލާމަރުކަޒީ ކޮމިޓީގައި ހައްލުތަކަކަށް މަޝްވަރާކުރި އެވެ.
އަންހެނުން ކޮމިޓީތަކަށް ފުރަތަމަ ފަހަރަށް އިންތިހާބަކުން މެމްބަރުން ހޮވީ ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ. ކޮންމެ ރަށެއްގެ ކޮމިޓީ ވަކިން ހޮވާފައި ވިޔަސް އެކި ސަބަބުތައް ދައްކައި ކޮމިޓީތަކުން ވަރަށް ގިނަ މެމްބަރުން އިސްތިއުފާ ދެ އެވެ. ގާނޫނު އޮންނަ ގޮތުން، މެމްބަރަކު އިސްތިއުފާ ދެއްވުމާ އެކު އާ މެމްބަރަކު ހޮވަން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.
މި ފަހުން އީސީން ވަރަށް ގިނަ ބައި އިލެކްޝަންތައް ބާއްވާފައިވާ އިރު ހިތަދޫގެ އިތުރުން ތ. ވަންދޫގެ އިންތިހާބު އިއްޔެ ބޭއްވި އެވެ. ސްކޫލް ޗުއްޓީ ތެރެއާ ދިމާވި މި ދެ ބައި އިލެކްޝަނުގައި ވެސް ވޯޓުލާން ނުކުތީ މަދު ބައެކެވެ.
މި މައްސަލާގައި އީސީގެ ހަބީބު "މިހާރު" އަށް ވިދާޅުވީ ހިތަދޫގެ އިންތިހާބުގައި 12،000 މީހުންނަށް ވޯޓު ލެވޭތީ އެ ރަށުގައި 12 ވޯޓު ފޮށި އަދި މާލޭގައި ތިން ފެށި ބެހެއްޓި ކަމަށެވެ. އެކަމަކު ވޯޓު ލާން ނުކުތީ 1000 މީހުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު ކިތަންމެ މަދު ބަޔަކު ވޯޓު ލިޔަސް އެހެން އިންތިހާބުތަކާ އެއް ފެންވަރެއްގައި އެ ޑަބްލިއުޑީސީ އިންތިހާބަށް ވެސް އީސީން މަސައްކަތް ކުރަން ޖެހެ އެވެ.
"އަޅުގަނޑުމެންނަށް ވޯޓު ކަރުދާހުގެ ފެންވަރު ދަށްކޮށް، އޮފިޝަލުން މަދުކޮށް، ޓްރެއިނިން ނުދީ އެހެން ނޫނީ ގާނޫނީ ގޮތުން ކުރަން ޖެހޭ އެހެން ކަންކަން ނުކޮށް ނުތިބެވޭނެ. ރިޔާސީ އިންތިހާބެކޭ ވެސް އެއްވަރަށް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ،" ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑަބްލިއުޑީސީގެ އިންތިހާބުތައް އިތުރަށް ބާއްވަން ޖެހުނަސް ފިނޭންސް މިނިސްޓްރީ އިން އިތުރު ބަޖެޓެއް ނުދެ އެވެ. އީސީގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ފިޔަވައި އެހެން ފައިސާތައް މިހާރު ހުސްވާން ކައިރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ މަހު ވެސް ދެ ރަށެއްގެ ޑަބްލިއުޑީސީ އިންތިހާބު ބާއްވަން ޖެހިފައި އެބައޮތް ކަމަށް ވިދާޅުވި އެވެ. މެމްބަރަކު ހުސްވާތާ ވަކި މުއްދަތެއްގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން އީސީގެ މައްޗަށް ގާނުނު ލާޒިމްކުރެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް ދެ ވިސްނުމެއް އީސީން ގެންގުޅެ އެވެ. އެއް ގޮތަކީ ޑަބްލިއުޑީސީ އިންތިހާބުތައް ލާމަރުކަޒީ އުސޫލުން ކައުންސިލްތަކުން ކުރުމެވެ.
"އެންމެ ރަނގަޅު ގޮތަކީ އެ ރަށެއްގައި އޮންނަ އިންތިހާބެއް މިވަރުގެ އިންތިހާބެއް އެ ރަށެއްގެ ކައުންސިލުން ކުރުން. މާލޭގައި ވޯޓު ފޮށި ބަހައްޓައިގެން ކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑަށް ޕާސަނަލީ ގަބޫލެއް ނުކުރެވޭ،" ހަބީބު ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނު އިސްލާހު ކޮށްގެން ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު އެއްފަހަރާ ބާއްވަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ފުލުފުލުގައި އިންތިހާބުތައް ބާއްވާތީ ދިމާވާ އެތައް ގޮންޖެހުންތަކެއް ހައްލުވެ ކޮންމެވެސް ވަރަކަށް ހަރަދު ވެސް ކުޑަ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ މި ވިސްނުންތަކަށް ބާރުދީ، އެލްޖީއޭ އިން ވެސް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ހައްލުތަކެއް ހުށަހަޅައިފަ އެވެ. އެއް ހައްލަކަށް ހުށަހަޅާފައި ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާ ގޮތަށް ބަދަލުކުރުމެވެ.
އެކަމަކު މަޖިލީސް ޗުއްޓީއަށް ދިޔައިރު މިކަމުގައި ގޮތެއް ނުނިންމަ އެވެ.