25 ޖުލައި 2022 - 07:06

މާވެލް ސްޓޫޑިއޯ އިން ނެރޭ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ "ބްލެކް ޕެންތާ"ގެ ދެވަނަ ބައި "ވަކަންޑާ ފޮރެވާ"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.
މާވެލް އިން 2018 ގައި ނެރުނު ބްލެކް ޕެންތާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް އެ ސްޓޫޑިއޯ އިން ތައްޔާރުކުރި ފިލްމުތަކުގެ ތެރެއިން އެންމެ މަތިން ރޭޓިން ލިބުނު އެއް ފިލްމެވެ. އެއާއެކު، ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ކުރާނެ ކަމަށް ޕްރޮޑަކްޝަނުން އާންމުކުރި އެވެ.
ނަމަވެސް ފިލްމު ރިލީޒްކުރިތާ ދެ އަހަރު ފަހުން އިވުނީ ބްލެކް ޕެންތާގެ ފޭނުންނަށް ބޮޑު ޝޮކަކަށް ވި ވާހަކައެކެވެ. އެއީ ބްލެކް ޕެންތާގެ ރޯލު ކުޅޭ ޗެޑްވިކް ބޯސްމަން ކުއްލި ގޮތަކަށް މަރުވުމެވެ.
ކެންސަރު ޖެހިގެން ބައްޔަށް ފަރުވާ ހޯދަނިކޮށް، ޗެޑްވިކް މަރުވުމާއެކު ފޭނުންނަށް ލިބުނީ ބޮޑު ހިތާމައެކެވެ. އެ މަރާއެކު ދެވަނަ ފިލްމަށް ހަދާނެ ގޮތެއް ނޭނގި އެތައް ދުވަހެއް ވި އެވެ.
އެ އަށް ފަހު، ފިލްމުގެ ޝޫޓިން ފެށީ ޕްލޮޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެނެވެ. ނަމަވެސް ފިލްމާ ގުޅޭ މާ ގިނަ ވާހަކަތަކެއް ނުދައްކާ އެންމެ ފަހުން ފިލްމުގެ ފުރަތަމަ ޓްރެއިލާ ވަނީ އާންމުކޮށްފަ އެވެ.
މިހާރު ސެން ޑިއޭގޯގައި ކުރިއަށް ގެންދާ ކޮމިކް ކޮންވެންޝަން (އެސްޑީސީސީ)ގައި ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކުރިއިރު ފިލްމުގެ ހުރިހާ ކެރެކްޓަރުން ފެނުނެވެ.
ޓްރެއިލާގެ އެކި ހިސާބުތަކުން ޗެޑްވިކްގެ ކެރެކްޓަރުގެ މަންޒަރުތައް ފެނެ އެވެ. އަދި ފިލްމުގައި ވެސް ޗެޑްވިކްގެ ކެރެކްޓަރުގެ މަރާއެކު ކުރާ ހިތާމައަށް އަލިއަޅުވާލާ ތަން ޓްރެއިލާގައި ދައްކައިލި އެވެ.
މި ފަހަރުގެ މައިގަނޑު ހަމަނުޖެހުން އޮންނާނީ ބްލެކް ޕެންތާގެ ގައުމު ވަކާންޑާ އާއި އެޓްލެންޓިސް އާ ދެމެދުގަ އެވެ. އަދި މައިގަނޑު ވިލަންގެ ރޯލުން ފެންނާނީ މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ) އަށް އާ ވިލަން "ނޭމޯ" އެވެ. ނޭމާގެ ރޯލުން ފެންނާނީ ޓެނޮކް ހުއެރުތާ އެވެ.
ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ ލެޓީޝާ ރައިޓް އާއި އެންޖެލާ ބެސެޓްގެ އިތުރުން މިކޭލާ ކޯއެލް އާއި ލުޕިތާ އެންޔޮންގޯ އަދި ޑަނާއި ގުރީރާ އެވެ.
އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ގަ އެވެ.