24 ޖުލައި 2022 - 07:20

އެމޭޒަން ނޭނގޭނެ ބަޔަކު މިހާރު މަދުވާނެ އެވެ. އާދައިގެ އޮންލައިން ވިޔަފާރިއަކުން ފެށި އެމޭޒަނުން މިހާރު ނުވިއްކާ އެއްޗެއް ނެތެވެ. އެންމެ ފަހުން ރާވައިލެވޭ ފަދަ ގެތައް ވެސް ގަނެލެވޭނެ ގޮތް އެމޭޒަނުން ހަދައިފި އެވެ.

މިއީ އެ ކުންފުނި އިތުރަށް ފުޅާކުރުމަށް ފެށި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް އެމޭޒަންގެ ވެބްސައިޓުގައި އެކި ކަހަލަ ގެ ތައް ވެސް މިހާރު ލިސްޓު ކުރެވެ އެވެ.
އެމޭޒަނުން ބުނީ، ރާވައިލެވޭ ކުދި ގެތަކަކީ ދިރިއުޅުން އެއްކޮށް ބަދަލުކޮށްގެން އުޅެން ފަސޭހަ ގެތަކެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މައިގޭގެ އިތުރުން ގޯތިތެރޭގައި ކުޑަ ގެއެއްގެ ގޮތުގައި ބޭނުންކުރެވޭ ގެއެއް ކަމަށާއި އަމިއްލަ ވަކި ކޮޓަރިއެއް ބޭނުންވާ ނަމަ އެފަދަ ރާވާ ގެތަކަކީ އެންމެ އެކަށީގެންވާ ގެތައް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ބައެއް ކުންފުނިތަކުން އަމިއްލަ އުޅުމަށް ފުރިހަމަ ގެތައް ހަދައިދޭނެ އެވެ. މިއީ ވެސް ފަސޭހައިން ރާވައިލުމަށް ފަހު، ރޫޅައިލެވޭނެ ގެތަކެވެ. އެކަމަކު އެއީ އަގު ބޮޑު ގެތަކަކަށް ވާނެ ކަމަށް އެމޭޒަނުން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި އެ ގެތަކުގެ އަގުތައް 1،000 ޑޮލަރުން ފެށިގެން 10،000 ޑޮލަރާ ހަމައަށް އުޅޭނެ އެވެ.