ގުޑްލަކް ޖެރީގެ "ޕެރެސެޓަމޯލް" ނެރެފި
ގުޑްލަކް ޖެރީގެ "ޕެރެސެޓަމޯލް" ނެރެފި

ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ގުޑް ލަކް ޖެރީ" ގެ ލަވައެއް ނެރެފި އެވެ.

ޖުޑް ލަކް ޖެރީއަކީ ޖާޔާ ކުމާރީ ނުވަތަ ޖެރީގެ ނަމުން މަޝްހޫރު އަންހެނަކު އޭނާގެ ކެންސަރު ޖެހިފައިވާ މަންމަގެ ބޭސް ފަރުވާ އަށް ޕަންޖާބުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރި މަންޒަރު ދައްކުވައިދޭ ފިލްމެކެވެ.

ސިދާތު ސެންގުޕްތާ ޑައިރެކްޓްކޮށް، އަންނަ ހަފުތާގައި ނެރޭ ފިލްމު "ގުޑް ލަކް ޖެރީ" ގެ މި ފަހަރު ނެރެފައިވާ ލަވައިގެ ނަމަކީ "ޕެރެސެޓަމޯލް" އެވެ.

އެ ލަވައިގައި ފެންނަނީ ޖެރީގެ ރޯލު ކުޅޭ ޖާންވީ، އޭނާގެ މަންމަގެ ބޭސް ފަރުވާއަށް ފައިސާ ހޯދުމަށް ޑްރަގުގެ ވިޔަފާރި އަށް ވަދެގެން އުޅޭ މަންޒަރެވެ. އަދި އޭނާގެ މައުސޫމް ކަމުގެ ފައިދާ ނަގައިގެން ފުލުހުންގެ ކިބައިން ސަލާމަތްވާ މަންޒަރު ވެސް ފެނެ އެވެ.

އެ ލަވަ ކިޔާފައި ވަނީ ޖުބިން ނައުޓިޔަލް އާއި ޕަރަގް ޗަބްރާ އެވެ. އެ ލަވަ ލިޔެފައި ވަނީ ރާޖް ޝޭކަރް އެވެ. އަދި އިނގިރޭސި ރެޕް ބައި ތައްޔާރުކުރީ ސޫމް ޓީ އެވެ.

އެ ފިލްމު ނެރޭނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް އަންނަ ހުކުރު ދުވަހުގަ އެވެ.