24 ޖުލައި 2022 - 07:10

އިންޑިއާގެ ޓީވީ ޑްރާމާ "ބާބީޖީ ގަރް ޕަރް ހެއިން" ގައި މަލްހާން ސިންގްގެ ރޯލުން ފެންނަ ތަރި ދީޕޭޝް ބަން ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހު ކްރިކެޓް ކުޅެން ހުއްޓަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ވެ އެވެ.
"އެފްއައިއާރް" ގައި ދީޕޭޝްއާ އެކު މަސައްކަތްކުރި ތަރި، ކަވިތާ ކޯޝިކް ވަނީ ދީޕޭޝްގެ މަރުގެ ޚަބަރު ސޯޝަލް މީޑިއާގައި އާންމުކޮށް، ހިތާމަފާޅުކޮށްފަ އެވެ.
ކަވިތާ ބުނީ އުމުރުން 41 އަހަރުގައި ދީޕޭޝް މަރުވި ޚަބަރުން ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. ދީޕޭޝްއަކީ ވަރަށް ފިޓް މީހެއް ކަމަށާއި ދުވަހަކު ވެސް ސިނގިރޭޓާއި ބަނގުރާ ކަހަލަ ސިއްހަތަށް ގެއްލުން ހުރި އެެއްޗެއް ބޭނުން ނުކުރާ ކަމަށް ބުންޏެވެ.
ދީޕޭޝް މަރުވިއިރު އަންބަކާއި އުމުރުން އެއް އަހަރުގެ ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.
ދީޕޭޝް ވަނީ ކުރިން ލައިފް އޯކޭ އިން ދެއްކި "މޭ އައި ކަމިން މެޑަމް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.