އާމިރުގެ "ދަންގަލް" ހަތަރު ބިލިއަން ރުޕީސް ހޯދައިފި
އާމިރުގެ "ދަންގަލް" ހަތަރު ބިލިއަން ރުޕީސް ހޯދައިފި

އާމިރު ޚާންގެ "ދަންގަލް" އަށް މިހާތަނަށް އިންޑިއާ އިން އެކަނި 239.01 ކްރޯޑު (2.39 ބިލިއަން ރުޕީސް) ލިބިއްޖެ އެވެ. އަދި ބޭރު ގައުމުތަކުން 131.02 ކްރޯޑު (1.31 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރު ނިމެން ކައިރިވެފައި ވަނިކޮށް ރިލީޒްކުރި މި ފިލްމަށް އަދި މަޑުޖެހުމެއް ނާދެ އެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ މީހުން މިހާރު ލަފާކުރަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް އޮތް ސަލްމާން ޚާންގެ "ސުލްތާން"ގެ ރެކޯޑް މި ފިލްމުން މުގުރާލާނެ ކަމަށެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ޖުމްލަ މިހާތަނަށް 424.59 ކްރޯޑު (4245 މިލިއަން ރުޕީސް) ލިބިފައިވެއެވެ. ބޭރުގެ މާކެޓްތަކުން މި ފިލްމަށް މިހާތަނަށް 123 ކްރޯޑު ރުޕީސް ވަނީ ލިބިފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނެފައިވާ ގޮތުގައި "ދަންގަލް" ގެ ހިނގުން މަޑުޖެހުމެއް ނެތި ކުރިއަށްދާ މުހިއްމު ތިން ކަމެއް އެބައޮތެވެ. އެއީ ފިލްމުން ދީފައިވާ ވަރުގަދަ މެސެޖު މީހުންނަށް ކަމުދިޔުމާއި އިންޑިޔާއަށް މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށް ވުމާއި މި ފިލްމާ ވާދަކުރާނެ ފިލްމެއް ރިލީޒްވާން ނެތުމެވެ.

މިހާރު ލަފާ ކުރެވޭ ގޮތުން ޝާހްރުކް ޚާންގެ "ރައީސް" ރިލީޒްކުރުމާ ހަމައަށް "ދަންގަލް"ގެ ހިނގުމަށް މަޑުޖެހުމެއް ނާންނާނެ އެވެ.

މި މަހުގެ 14 އާ ހަމައަށް "ދަންގަލް" އަށް އެއްވެސް ކަހަލަ ވާދަވެރިކަމެއް އިންޑިއާގެ ބޮކްސް އޮފީހުގައި ނެތެވެ. އޭގެ ފަހުން ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރުގެ "އޯކޭ ޖާނޫ" އާއި ދީޕިކާ ޕަދުކޯންގެ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާން އޮފް ދަ ޒެންޑާ ކޭޖް" ރިލީޒްކުރާނެ އެވެ. އަދި ޖެނުއަރީ 25 ގައި ޝާހްރުކްގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" ރިލީޒްކުރާނެ އެވެ. "ދަންގަލް"ގެ ހިނގުން މަޑުޖެހޭނީ މިހާ ހިސާބުންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އޭގެ ކުރިން ރެކޯޑްތައް މުގުރުމުގެ ފުރުސަތު އެ ފިލްމަށް ވަނީ ލިބިފަ އެވެ.