03 ޖެނުއަރީ 2017 - 06:24

އާ އަހަރު ފެށުނު ރޭ ތުރުކީގެ އިސްތަންބޫލްގެ ނައިޓްކްލަބަކަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި 39 މީހުންގެ ތެރޭގައި ބޮލިވުޑް ފިލްމު ޕްރޮޑިއުސަރު އާބިސް ރިޒްވީ ވެސް ހިމެނުނެވެ. އާބިސް އަކީ ރިއަލް އެސްޓޭޓް ވިޔަފާރީގައި ވެސް ވަރަށް ކުރީގައި އުޅޭ ވަރަށް މުއްސަނދި މީހެކެވެ. އާބިސްގެ ކުއްލި މަރާ އެކު ބޮލީވުޑްގައި ތިބި އޭނާގެ އެކުވެރިންނަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފަ އެވެ.
ފިލްމީ ދުނިޔޭގައި މަސައްކަތްކުރާ ވަރަށް ގިނަ ފަންނާނުން ޓުވިޓާގައި އާބިސްގެ މަރާ މެދު ހިތާމަކޮށް ތަފާތު މެސެޖުތައް ލިޔެ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެ އެވެ.
އެކްޓަރު ރަންދީޕް ހޫޑާ ކުރި ޓުވީޓްގައި، އާބިސްގެ މަރުގެ ޚަބަރުން ޝޮކެއް ލިބުނު ކަމަށާއި ހަޔާތަކީ ވަރަށް ކުރު އެއްޗެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އަހަރެމެން ދިރިއުޅުން ނަގަނީ އެހާ ސީރިއަސްކޮށް ނޫން ކަމަށާއި އާބިސް ރިޒްވީ އަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ބުނެފައިވެ އެވެ.
ބަތަލާ ރަވީނާ ޓަންޑަންގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި އާބިސް އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދި ރަވީނާ ވަނީ އާބިސް މަރުވި ހަމަލާ ދިން ޓެރަރިސްޓަށް ވެސް އޭނާގެ ހިތުގައި އޮތް ރުޅިވެރިކަން ހާމަކޮށްފަ އެވެ.
ޑައިރެކްޓަރު މަދުރް ބަންޑާރްކަރްގެ ޓުވީޓްގައި ލިޔެފައިވަނީ "ވަރަށް ޒަމާންވީ ގާތް އެކުވެރިއެއް ކަމަށްވާ އާބިސް ރިޒްވީގެ މަރުން ޝޮކެއް ލިބިފައިވާ ކަމަށާއި އަބަދުގެ އަބަދަށް ވެސް އޭނާގެ މަތިން ހަނދާން ކުރާނެ ކަމަށެވެ.
ޖާވީދު ޖެފްރީ އާއި ޕޫޖާ ބަޓް އަދި ފިލްމު ޑައިރެކްޓަރު އަނަންތު މަހާދޭވަން ފަދަ ގިނަ ފަންނާންތަކެއް އާބިސް މަރުވުމުގެ ހިތާމައިގައި ބައިވެރިވެ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔުމުގައި ބައިވެރިވި ބޮލީވުޑް ސެލެބްރިޓީންގެ ތެރޭގައި ހިމެނުނެވެ.
އިސްތަންބޫލްގެ ނައިޓް ކްލަބަކަށް ދިން ހަމަލާގައި އިންޑިއާގެ ދެ މީހުން މަރުވި ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. އެއީ އާބިސް ރިޒްވީ އާއި ފެޝަން ޑިޒައިނަރެއް ކަމަށްވާ ޚުޝީ ޝާހް އެވެ.
އާބިސް ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި 2014 ގައި ރިލީޒްކުރި "ރޯ: ޓައިގާޒް އޮފް ސަންޑަބެން" ހިމެނެ އެވެ. އަދި އޭނާގެ ރިލީޒްނުކުރާ ބައެއް ޕްރޮޖެކްޓްތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި "ހީ-މޭން" އާއި "ޓީ ފޯ ތާޖްމަހަލް" ހިމެނެ އެވެ.