ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރަނީ
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރަނީ

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ ކޮންމެ މަހަކު ރާއްޖެ އަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައި ވެ އެވެ.

މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައީ މިދިޔަ މާޗު މަހު އެވެ. އެ މަހު 150،000 ޓޫރިސްޓުން އަދި ފެބްރުއަރީ އާއި އޭޕްރީލް މަހު އެކަނި ވެސް ވަނީ 145،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަށް 4،000 ޓޫރިސްޓުން އާދެ އެވެ.

މި މަހުގެ މިހާތަނަށް 87،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ރާއްޖެ އަށް މިހާރު އަންނަ ވަރަށް ޓޫރިސްޓުން ޒިޔާރަތް ކުރާ ނަމަ އަންނަ މަސް ނިމޭއިރު ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އެރުމުގެ ފުރުސަތު ބޮޑެވެ. މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އޮކްޓޫބަރު މަހު އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 570،000 ޓޫރިސްޓުންނެވެ. އެހެންވެ، މި އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުންގެ އަދަދު ވަނީ ގާތްގަނޑަކަށް 350،000 އަށް އިތުރުވެފަ އެވެ.

މި އަހަރުގެ ބަޖެޓުގައި، 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފައިވާއިރު އެ އަދަދުގެ ގާތްގަނޑަކަށް 60 ޕަސެންޓް މިހާރު ވަނީ ހާސިލުވެފަ އެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 132،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައި އިނގިރޭސި ވިލާތުގެ ޓޫރިސްޓުންގެ އަދަދަކީ 106،000 އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 94،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ. ހަނގުރާމައިގެ ކުރިން އެއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ސަރަހައްދެވެ. އެކަމަކު، އަނެއްކާ ވެސް ރަޝިއާއިން ޓޫރިސްޓުން އަންނަ ވަރު ވަނީ އިތުރުވެފަ އެވެ.

މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ އަދަދަކީ 1.7 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ އަމާޒު ހިފީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ނަމަވެސް ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ޓޫރިސްޓުން އައުން މަދުވުމާ އެކު އެ އަމާޒު ހާސިލުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.