25 ޖުލައި 2022 - 10:10

މިދިޔަ މަހު ބޭއްވި މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގައި ތިން ކެޓަގަރީ އަކުން ޗެމްޕިއަންކަން ހޯދި އާރާ އާސާލް އާޒިމް، 14، އަށް އޭނާގެ ކެރިއަރުގެ ކުރީކޮޅު އޯޕަން ޑިވިޝަންގައި މާ ބޮޑު ކާމިޔާބުތަކެއް ނުލިބެ އެވެ. އާރާގެ ބައްޕަ މޫސާ އާޒިމް ބުނި ގޮތުގައި 2019 ގައި މެލޭޝިއާގައި ޓްރޭނިން ނިންމައިފައި އައިތަނުން އާރާ ވަރަށް ބޮޑަށް ބަލިވި އެވެ. ހެދި ޓެސްޓްތަކުން އެނގުނީ އޭނާ އަށް ނިއުމޯނިއާ ޖެހިފައި ހުރި ކަމެވެ.

އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދީގެން ވެސް ބަލިން ފަސޭހަ ނުވި އެވެ. ރާއްޖޭގައި ހުރި ސިއްހީ ވަސީލަތްތަކުން ވެސް އޭނާ އަށް ޖެހިފައި ހުރީ ނިއުމޯނިއާގެ ކޮންވައްތަރެއް ކަމެއް ދެނެނުގަނެވުނެވެ. އޭނާގެ އާއިލާ ގޮތް ހުސްވެ އާރާ ގޮވައިގެން ރާއްޖެއިން ބޭރަށް ދާން މަޖުބޫރުވި ކަމަށް އާޒިމް ބުންޏެވެ. ތައިލެންޑަށް ގޮސް ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން އާރާގެ ބަލި ދެނެގަނެވި ފަރުވާ ދެވި އެ ބަލިން އޭނާ އަށް އަރައި ގަނެވުނެވެ.

އާޒިމް ބުނި ގޮތުގައި ތައިލެންޑަށް ކުރި އެ ދަތުރުކީ ހަމައެކަނި ނިއުމޯނިއާ ބަލިން އަރާ އަށް އަރައިގަނެވުނު ދަތުރެއް ނޫނެވެ. އެކަމަކު ޓެނިހުގައި އާ ހަރުފަތަކަށް ދިއުމަށް ވެސް މަގުފަހި ކުރެވުނު ދަތުރެކެވެ.

"އޭރު ނިއުމޯނިއާ ޖެހިގެން ލޯކަލް މުބާރާތެއް ގައި ވެސް ނުކުޅެވުނު. އެހެންވީމަ (ޓެނިހުގައި) އާރާގެ ރޭންކިން ވެސް ވަރަށް ބޮޑަށް ދަށަށް ދިޔަ. ތައިލެންޑަށް ގޮސް އާރާ ބަލިން ރަނގަޅުވެ ހަމަޖެހިލެވުނު ތަނުން އާރާ ބޭނުންވީ އެކޮޅުގެ ޓްރޭނިން ސެންޓަރެއްގައި ޓްރޭނިން ހަދަން،" އާޒިމް ކިޔައި ދިނެވެ.

"އަޅުގަނޑު ހިތައް އެރި އެ ދަތުރުގެ ބޭނުން އެގޮތުގައި ހިފާނީއޭ. ދެން އަޅުގަނޑުމެން ދިޔައީ އާރާ ގޮވައިގެން ތައިލެންޑްގެ އެންމެ ޓޮޕް ޓެނިސް އެކަޑަމީ އަށް. އޭގެ ކުރިން ވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ފެންވަރުގެ ގޮތުން ވަކި ލެވަލެއްގައި ހުރި ކުއްޖެއް ނޫނިއްޔާ އެ ސެންޓަރުގައި ޓްރޭނިން ހެދުމުގެ ފުރުސަތު ނުދޭނެޔޭ."
އެކަންވީ ވެސް އެހެންނެވެ. އާރާ ޓްރޭނިންގައި ބައިވެރި ކުރަން ތައިލެންޑްގެ ޓްރޭނިން ސެންޓަރުގެ އެންމެ އިސް ކޯޗު ވެސް ދެކޮޅު ހެދި އެވެ.
"ވަރަށް ހަރުކަށިކޮށް ބުނި ތިކަމެއް ނުވާނެ،" އާޒިމް ބުންޏެވެ.
އެކަމަކު އާޒިމް ކުރީ އާދޭހެވެ. ފެންވަރު ނެތޭ ބުނެ އޭނާގެ ދަރިފުޅު ހުސް އަތާ އެނބުރި ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. އާރާގެ ކިބައިހުރި ފެންވަރާއި އެކަމަށް ހުރި ޝައުގުވެރިކަން އެންމެ ރަނގަޅަށް އެނގޭނެ އަކަކީ ވެސް އާޒިމެވެ. އޭނާ ބުނި ގޮތުގައި ވަރަށް ގިނަ އިރު ވަންދެން އޭނާ ވާހަކަ ދެއްކި އެވެ.
"އަޅުގަނޑު ބުނިން އޭނާގެ ފެންވަރު ބަލާލަން ޓެސްޓް ކޮށްލެވިދާނެހޭ. އެއަށް ފަހު ނުވާނެ ކަމަށް ނިންމައިފިއްޔާ އޭނަ ގޮވައިގެން އެހެން އެކަޑަމީ އަކަށް އަޅުގަނޑު ދާނަމޭ،" ތައިލެންޑްގެ އިމްޕެކްޓް އެކަޑަމީން އާރާ އަށް ތަމްރީން ހަދަން ފުރުސަތު ލިބުނު ގޮތް އާޒިމް ކިޔައި ދިނެވެ.
އޭނާ ބުނި ގޮތުގއި ހެޑް ކޯޗު ކާލޯ އާއެކު އާރާގަޑިއެއް ހާއިރު ވަންދެން ކުޅުނެވެ. އާރާގެ ފެންވަރާ މެދު އެކަޑަމީގެ ކޯޗުން ޓީމުން ހިތްހަމަޖެހި އޭނާ އަށް ޓްރޭނިން ޕްރޮގްރާމެއް އެކުލަވައި ދޭން އެއްބަސްވި އެވެ.
"ކޯޗު ބުނެފި ތިމަންނަ ހީކުރި ވަރަށް ވުރެ އާރާގެ ފެންވަރު ރަނގަޅޭ. މިހާރު އެ ކޯޗަކީ ތައިލެންޑްގައި އާރާގެ ކޯޗު،" އާޒިމް ބުންޏެވެ.
ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ޓްރޭނިން ހެދުމަށް ފަހު އާރާ އެނބުރި މާލެ އައިއިރު ލޯކަލް މުބާރާތް އޮތީ ޖެހިފަ އެވެ. އެ މުބާރާތުގެ ތިން ކެޓަގަރީގައި ވާދަކޮށް ޗެމްޕިއަންކަން ހޯދި އެވެ.
ޖޫނިއާ ލެވަލްގައި ސްރީ ލަންކާގައި ކުޅުނު ހަތަރު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އިރު ވެސް އާރާ އަށް ގައުމީ ޓީމުގެ ފުރުސަތެއް ނެތެވެ. އޭނާ އަށް އެކަންޏެއް ވެސް ނޫނެވެ. ގައުމީ ޓީމުގެ ރޮނގު ކަޑަތު ކުރާ އުމުރަށް ނުދާތީ ހުނަރުވެރި ވަރަށް ގިނަ އަދަދެއްގެ ކުޅުންތެރިންނަށް އެ ދޮރު ޒުވާން ކުޅުންތެރިންނަށް ހުޅުވައި ދިނުމުގެ އަޒުމު އާޒިމު މަސައްކަތްތަކެއް ކުރި އެވެ.
އެކަމަކު އުމުރު ހަމަ ނުވާތީ އެ ފުރުސަތު ދެވެން ނެތް ކަމަށް އެސޯސިއޭޝަނުން އޭނާ އަށް އެންގި އެވެ. ދެން ވެސް އެހާ ހިސާބުން އާޒިމްގެ މަސައްކަތް ހުއްޓައެއް ނުލި އެވެ. އާރާ އަށް މި ފުރުސަތު ހޯދައި ދެވިއްޖެނަމަ އެއީ ޒުވާން އެހެން ކުދިންނަށް ވެސް ހުޅުވައި ދެވޭ ދޮރަކަށް ވާނެ ކަމަށް އޭނާ ގަބޫލު ކުރި އެވެ.
އެސޯސިއޭޝަނަށް އޭނާ ހުށަހެޅީ ޓޭބަލް ޓެނިސްގެ މިސާލެވެ. ޓީޓީގައި އުމުރުން ހަގު ފާތިމަތު ދީމާ އަލީ އަށް ވެސް ސިނިއާ ޓީމުން ފުރުސަތު ދިނުމުން ޓީޓީ އަށް އައި ކުރި އެރުން މިސާލެއްގެ ގޮތުގައި އާޒިމް ދެއްކި އެވެ.
"އޭގެ ފަހުން އަޅުގަނޑަށް އެނގުނީ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމެއް ބާއްވާފަ އެ ފުރުސަތު ދޭން ނިންމިކަން."
ގައުމީ ޓީމު ސެލެކްޝަން މުބާރާތުގައި އާރާ ފުރަތަމަ ފަހަރަށް ވާދަކޮށް އޭނާ އަށް ވުރެ އުމުރުން ދޯށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ އެ ކުޅުންތެރިން ބަލި ކުރި އެވެ. ސެލެކްޝަން މުބާރާތުގައި 2020 ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް މުބާރާތުގެ އެއްވަނަ ހޯދި އެވެ. އޭރު އުމުރުން 12 އަހަރުގެ އާރާ އާ ދެކޮޅަށް ކުޅުނު ބައެއް ކުޅުންތެރިންނަކީ 30 އަހަރުން މަތީގެ ކުޅުންތެރިންނެވެ.
ޓެނިސް ކުޅެން ފެށުމުގެ ކުރިން އާރާ ވަނީ ޓޭބަލް ޓެނިސް، ބާސްކެޓްބޯޅަ، ސްވިމިން އަދި އެތުލެޓިކްސްގައި ވެސް ބައިވެރިވެފަ އެވެ. އާރާ ބުނި ގޮތުގައި ޓެނިސް ކުޅެން ޝައުގުވެރިވީ ޓީވީން ކުޅޭ މަންޒަރު ފެނިގެންނެވެ. އޭގެ ކުރިން އޭނާ އެންމެ ވަރުގަދަ އަށް ކުޅުނީ ބާސްކެޓްބޯޅަ އެވެ. އަދި ހޭންޑްބޯޅަ މުބާރާތުގައި ވެސް މޮޅަށް ކުޅުނެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުން ދިޔަ އާރާ އަކީ ކިޔެވުމުގައި ވެސް ތޫނު ފިލި ކުއްޖެއް ކަމަށް އާޒިމް ބުންޏެވެ. މިހާރު ތައިލެންޑްގައި ޓްރޭނިން ހަދާތީ އޭނާގެ ކިޔެވުމުގެ މަރުހަލާ ގެންދަނީ އޮންލައިން ސްކޫލިންގެ ތެރެއިންނެވެ.
"(ކިޔެވުމާއެކު ޓްރޭނިން ގެންދާތީ) ވަރަށް ސްޓްރިކްޓްކޮށް ޓައިމްތައް ބަހާލައިގެން ކުރިއަށް ދަނީ،" އާރާ ބުންނެވެ.
ޓެނިހުގެ އަންހެން ކެޓަގަރީގައި ޒުވާން ހުނަރުވެރި ކުޅުންތެރިތަކެއް މިހާރު އެބަތިބިކަން ޓެނިސް އެސޯސިއޭޝަނުން ވެސް ފާހަގަ ކުރެ އެވެ.
އާޒިމް ބުނި ގޮތުގައި ޓީމުގެ އެހެން ކުޅުންތެރިން ކުރިއަށް ނެރުމުގައި ވެސް އާރާގެ ލީޑާޝިޕް މުހިންމު ދައުރެއް އަދާ ކުރެ އެވެ. ފުރަތަމަ ކޮޅު މެޗުތަކުން ކައިރި ކައިރީގައި ބަލިވަމުން ދިޔަޔަސް ފަހަތަށް ޖެހުމުގެ ވިސްނުމެއް އާރާ ގެންގުޅެފައި ނުވާ ކަމަށް އާޒިމް ބުންޏެވެ.
"ފުރަތަމަ އައިޓީއެފްގެ މުބަރާތްތަކުން ވެސް ދިޔައީ ބަލިވަމުން. ކައިރި ކައިރީގައި ބަލިވަމުން ދިޔައިރު ވެސް އާރާ ބުނާނެ ޑޭޑީއޭ އާރާ އަދި ކާމިޔާބު ކުރާނަމޭ، ނެގެޓިވްކޮށް ކަންކަން ނެގުމުގެ ހިޔާލެއް އޭނާ ނުގެންގުޅޭނެ،" އާޒިމް ބުންޏެވެ.
އާރާގެ މިހާރު އޮތް ޓާގެޓަކީ އޭޓިއެފް އަދި އައިޓީއެފް މުބާރާތްތަކުގައި ކާމިޔާބު ހޯދުމެވެ. އަދި ރާއްޖެ ބައިވެރިވާ އިންޓަނޭޝަނަލް ގޭމްސްތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިނުމަކީ ވެސް އޭނާގެ އުންމީދެކެވެ.
- ޕެގަސަސް ރީފް ކޫލް ޓެނިސް ޓޯނަމަންޓް 2018، (ސްރީ ލަންކާ) ގްރީންބޯލް ގާލްސް ސިންގަލްސް ޗެމްޕިއަން
- ވިމެން އިންޓަނޭޝަނަލް ކަލްބް ކޫލް ޓެނިސް ޓޯނަމަންޓް 2018 (ސްރީ ލަންކާ) - ގްރީން ބޯލް ގާލްސް ސިންގަލް ޗެމްޕިއަން
- ކޫލް ޓެނިސް ޓޯނަމަންޓް 2018، (ސްރީ ލަންކާ) ޗެމްޕިއަން
- ރެއިންޓްރީ ރެޑް އެންޑް އޮރެންޖް ޓެނިސް ޗެމްޕިއަންޝިޕް، 2019 (މެލޭޝިއާ) ރެޑް އެންޑް އޮރެންޖް ބޯލް ކެޓަގަރީ ސިންގަލްސް ޗެމްޕިއަން
- ގައުމީ ޓީމު ސެލެކްޝަން މުބާރާތް 2020 - ރޭންކިންގެ އެއްވަނަ
- މޭރީ ބްރައުން ޗެމްޕިއަންޝިޕް 2019 - އޯޕަން ސިންގަލްސް ޗެމްޕިއަން
- މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް 2022 - ތިން ކެޓަގަރީ އަކުން ޗެމްޕިއަން