"ދިއްލީ ކްރައިމް 2" އަންނަ މަހުގެ 26 ގައި ނެޓްފްލިކްސް އަށް
"ދިއްލީ ކްރައިމް 2" އަންނަ މަހުގެ 26 ގައި ނެޓްފްލިކްސް އަށް

ނެޓްފްލިކްސްގައި 2019 ގައި ސްޓްރީމްކުރި ކާމިޔާބު ކްރައިމް ޑްރާމާ "ދިއްލީ ކްރައިމް" ގެ ދެވަނަ ބައެއް އަންނަ މަހުގެ 26 ގައި ނެޓްފްލިކްސްގައި ސްޓްރީމް ކުރާނެ ކަން އިއުލާންކޮށްފި އެވެ.

އެ ފިލްމުގެ ފުރަތަމަ ބައި ބިނާކޮށްފައި ވަނީ 2012 ގައި ދިއްލީގެ ބަހެއްގައި ގޭންގަކުން ޒުވާން އަންހެނަކު ރޭޕްކުރި ޖަރީމާއަށެވެ.

ފިލްމުގެ ދެވަނަ ބައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު، އެ ބައިގެ މުހިއްމު ރޯލުތަކުން ފެންނާނީ ފުރަތަމަ ބައިން ވެސް ފެނުނު ތަރިންނެވެ.

ފިލްމުގެ އެންމެ މުހިއްމު ރޯލު ކުޅެނީ ޝެފާލީ ޝޭހް އެވެ. ޑީސީޕީ ވަރްތިކާ ޗަތުރްވޭޑީގެ ރޯލުން ޝެފާލީ ފެންނައިރު، އެ ފިލްމުން ވެސް ދައްކުވައި ދޭނީ ސީރިއަލް ކިއްލާއެއް ހޯދުމަށް ފުލުހުންގެ ޓީމަކުން ކުރާ މަސައްކަތެވެ.

ނެޓްފްލިކްސް އިން އިއްޔެ ވަނީ މިނިޓެއްހާއިރުގެ ޓީޒާއެއް ވެސް ސަޕޯޓަރުންނަށް ދޫކޮށްލައިފަ އެެވެ. އެ ޓީޒާ އަށް ޕޮޒިޓިވް ކޮމެންޓްތަކެއް ލިބުނެވެ. ބައެއް މީހުން ބުނިގޮތުގައި އެ ޓީޒާ އަށް އެކަނި ބެއްޔަސް އެއީ ގައިން ހީބިހި ނަގައިގެންދާ ވަރުގެ މަސައްކަތެކެވެ.

އެ ފިލްމުގެ ފުރަތަމަ ބަޔަކީ ވަރަށް ކާމިޔާބު މަސައްކަތެކެވެ. ސެޕްޓެމްބަރު 2020 ގައި ބޭއްވި އިންޓަނޭޝަނަލް އެމީ އެވޯޑްސް ހަފުލާގައި އެ ފިލްމަށް ވަނީ "އައުޓްސްޓޭންޑިން ޑްރާމާ ސީރީޒް" ގެ އެވޯޑް ލިބިފަ އެވެ. އެއީ އެ އެވޯޑް ލިބުނު ފުރަތަމަ އިންޑިއާގެ ސީރީޒް އެވެ.