23 ޖުލައި 2022 - 07:52

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު، ރަސްމީކޮށް ސޯޝަލް މީޑިއާ ބޭނުން ނުކުރާނެ ކަމަށް ބުނެފި އެވެ.
ރަންބީރުގެ ހިޓް ފިލްމު "ސަންޖޫ" އަށް ހަތަރު އަހަރު ފަހުން އޭނާގެ ކުރިއަށް އޮތް ފިލްމު "ޝަމްޝޭރާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި، ރަސްމީކޮށް ސޯޝަލް މީޑިއާ ބޭނުންކުރަން ފަށާފާނަންތޯ ސުވާލު ކުރުމުން ރަންބީރު ބުނީ އެކަމާ އޭނާ ނުވެސް ވިސްނާ ކަމަށެވެ. މި ވަގުތު ސޯޝަލް މީޑިއާގައި ރަސްމީކޮށް އުޅެން ޕްލޭން ކޮށްފައި ނެތް ކަމަށް އޭނާ ބުންޏެެވެ.
ރަންބީރު މި ވަގުތު ސޯޝަލް މީޑިއާގައި އުޅެނީ ފޭކް އެކައުންޓެއް ހަދައިގެންނެވެ. އެކި ތަރިންނާ ގުޅޭ އަޕްޑޭޓްތައް ވެސް އޭނާ ހޯދަނީ އެ ގޮތަށް ކަމަށް ކުރިން ރަންބީރު އެއްބަސްވެފައި ވެ އެވެ.
އެކަމަކު، އެ ފޭކް އެކައުންޓް އެއްވެސް ބަޔަކަށް އަދިއެއް ނޭނގެ އެވެ.
ބޮލީވުޑްގެ ގިނަ ތަރިން ސޯޝަލް މީޑިއާގައި ރަސްމީކޮށް އުޅުނަސް މިހާތަނަށް ރަންބީރު އެއްގޮތަކަށް ވެސް ރަސްމީކޮށް ސޯޝަލް މީޑިއާ ބޭނުމެއް ނުކުރެ އެވެ.
ހަތަރު އަހަރު ފަހުން ރަންބީރުގެ ފިލްމެއް ސިނަމާތަކަށް އަންނަން ތައްޔާރުވެފައިވާއިރު މިއީ ރަންބީރަށް ބޮޑު އަހަރެކެވެ.
"ޝަމްޝޭރާ" ގެ އިތުރުން "ބަރައްމަސްތުރާ" ފިލްމަކީ ވެސް މި އަހަރު ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ.
ރަންބީރު މުޅިން ތަފާތު ގޮތަކަށް ފެންނާނެ އެ ދެ ފިލްމު ވަރަށް ގަދައަށް މިހާރު އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ. އެ ދެ ފިލްމުގެ ޕޯސްޓަރުތަކާއި ޓީޒާތަކަށް އަދި ލަވަތަކަށް ވެސް ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައި ވެ އެވެ.