ހުޅުމާލޭގައި މަގު ހުރަސްކުރަން ފަސޭހައަކަށް ޓްރެފިކް ލައިޓް ހަރުކުރަން ފަަށައިފި
ހުޅުމާލޭގައި މަގު ހުރަސްކުރަން ފަސޭހައަކަށް ޓްރެފިކް ލައިޓް ހަރުކުރަން ފަަށައިފި

ހުޅުމާލޭގައި ހިނގާ މީހުންނަށް ރައްކާތެރިކަމާ އެކު މަގު ހުރަސް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ބުނީ މަގު ހުރަސްކުރާ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް، އެ ރަށަކީ ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓްތައް ހަރުކުރަނީ އެ ޕްލޭންގެ ދަށުން ކަމަށް ބުންޏެވެ.

މިއަދު ޓްރެފިކް ލައިޓް ހަރުކުރީ ހުޅުމާލޭ ހޮސްޕިޓަލް ހުންނަ މަގުގަ އެވެ. ހުޅުމާލޭގެ އެކި ސަރަހައްދުގައި އޭގެ ލައިޓްތައް ހަރުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީހުން މަގު ހުރަސް ކުރަންވީކަން އެ ލައިޓުން ފަސޭހަ އިން އަންގައިދެ އެވެ. އަދި މަގު ހުރަސް ކުރުން ރައްކާތެރި ނޫންކަން ވެސް ސިގްނަލް ކުރާނެ އެވެ.

މާލެ އިން ވެސް ގިނަ ބަޔަކު ގޮސް އުޅޭ ހުޅުމާލޭގައި، ހަފުތާ ބަންދުތަކުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވަ އެވެ. ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވުން އިތުރުވެފައިވާތީ، ފުލުހުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވެހިކަލް ދުއްވުން ހުއްޓުވަން ފުލުހުން ހުޅުމާލޭގައި ވަކި ވަގުތުތަކެއްގައި ސްޕީޑް ގަން ބޭނުންކުރަން ފަށާނެ އެވެ. އަދި ނުރައްކާތެރިކޮށް ދުއްވާ ވެހިކަލް ހުއްޓުވައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ކުރިން މާލޭގެ އެކި މަގުތަކުގައި ޓްރެފިކް ލައިޓް ހަރުކުރި އެވެ. އެކަމަކު އަހަރުތަކެއް ކުރިން، ޓްރެފިކް ލައިޓްތައް ނަގައި، މިހާރު ވެހިކަލް ދުއްވަނީ އެގޮތް މިގޮތަށެވެ. ވަރަށް ބޮޑަށް މަގުތައް ބާރުބޮޑުވެއްޖެ ނަމަ، ޓްރެފިކް ފުލުހުން މަގުތަކަށް ނިކުމެ ޓްރެފިކް ހަމައަކަށް އަޅުވަ އެވެ.