ލަންކާގެ ބޮޑުވަޒީރު ކަމަށް ޑިނޭޝް ގުނަވަރުދަނާ އައްޔަން ކޮށްފި
ލަންކާގެ ބޮޑުވަޒީރު ކަމަށް ޑިނޭޝް ގުނަވަރުދަނާ އައްޔަން ކޮށްފި

އިގްތިސާދީ ކާރިސާއެއްގައި އޮތް ސްރީ ލަންކާގެ ބޮޑުވަޒީރު ކަމަށް ޑިނޭޝް ގުނަވަރުދަނާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ލަންކާގައި ވެރިކަން ކުރާ ޕީޕަލްސް ފްރަންޓްގެ ވެޓެރަން މެންބަރު އަދި ރާޖަޕަކްސަ އާއިލާގެ އެކުވެރިއެއް ކަމަށްވާ ގުނަވަރުދޭނާ ހުވާ ކުރެއްވީ ކޮލަމްބޯގެ ފްލާވަ ރޯޑްގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގަ އެވެ.

ރަނިލް އާއި ޑިނޭޝް އަކީ އުމުރުން ތިން އަހަރުން ފެށިގެން އެކުވެރިން ނަމަވެސް ފިކުރީ ގޮތުން ވަރަށް ބޮޑަށް ދެކޮޅު ސިޔާސީ ޕާޓީތައް ލީޑް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

ލަންކާގެ އާ ކެބިނެޓު ވެސް މިއަދުގެ ވަގުތެއްގައި ހުވާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ރަސްމިއްޔާތަށް ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި ވަނީ ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.

ލަންކާގެ އާ ރައީސް އާއި އާ ބޮޑުވަޒީރު އައްޔަން ކުރެއްވި ނަމަވެސް އެ ގައުމުގައި ކުރަމުންދާ މުޒާހަރާ އަދިވެސް ހުއްޓުމަކަށް ނާދެ އެވެ.

އެ ގައުމުގެ ރައީސް ކަމަށް ރަނިލް އިންތިހާބު ކުރުމާ ގުޅިގެން މުޒާހަރާގައި ތިބި އާންމުން ބުނެފައިވަނީ، ރަނިލްއަކީ ވެސް ރާޖަޕަކްސަގެ އާއިލާއަށް ވާގިވެރިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދިނުމަށް ވަނީ ގޮވާލައިފަ އެވެ.