ލިންގާޑާ އެކު ނޮޓިންހަމް ފޮރެސްޓުން 11 ހަމަކޮށްފި
ލިންގާޑާ އެކު ނޮޓިންހަމް ފޮރެސްޓުން 11 ހަމަކޮށްފި

ނޮޓިންހަމްޝަޔާ (ޖުލައި 22) - މެންޗެސްޓާ ޔުނައިޓެޑްގެ އެޓޭކިން މިޑްފީލްޑަރު ޖެސީ ލިންގާޑާ އެކު، އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓުން މި ޓްރާންސްފާގައި 11 ކުޅުންތެރިންގެ ސޮއި ހޯދައިފި އެވެ.

މިދިޔަ ޖޫން މަހު ލިންގާޑް އާއި ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވުމާ އެކު އޭނާ ކުލަބް ދޫކޮށްލީ، 20 އަހަރަށް ވުރެ ގިނަ ދުވަހު ކުލަބަށް ކުޅެދީފަ އެވެ. އުމުރުން ހަތް އަހަރުގައި ޔުނައިޓެޑްގެ އެކަޑަމީއާ ގުޅި، 2011 ގައި ސީނިއާ ކެރިއަރު ފެށި ލިންގާޑް ވަނީ އެ ޓީމަށް ކުޅެދިން 232 މެޗުގައި 35 ލަނޑު ޖަހައިފަ އެވެ.

ސީނިއާ ކެރިއަރުގެ ފުރަތަމަ ތިން ސީޒަނުގައި ލިންގާޑް ހޭދަކުރީ، ލެސްޓާ ސިޓީ އާއި ބާމިންހަމް ސިޓީ އަދި ބްރައިޓަން އާއި ޑާބީ ކައުންޓީ އާއެކު ލޯނު އުސޫލުން އިނގިރޭސި ޗެމްޕިއަންޝިޕުގަ އެވެ. ހަމަ އެއާ އެކު މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ވަނީ ލޯނު އުސޫލުން ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެފަ އެވެ.

އިންގްލެންޑުގެ ގައުމީ ޓިމަށް 32 މެޗު ކުޅެދީފައިވާ ލިންގާޑް އެވަޓަން ނުވަތަ ވެސްޓް ހޭމް އަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން އޭނާ ފޮރެސްޓަށް ބަދަލުވީ ހަފްތާއަކު 200،000 ޕައުންޑުގެ މުސާރައަކަށެވެ. ހިލޭ ޓްރާންސްފާގައި އޭނާ ފޮރެސްޓަށް ސޮއިކުރީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންޝިޕް ޕްލޭއޮފް ކާމިޔާބު ކޮށްގެން 23 އަހަރަށް ފަހު ޕްރިމިއާ ލީގުން ޖާގަ ހޯދި ފޮރެސްޓުން ވަނީ ލޯނު އުސޫލުން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑީން ހެންޑަސަންގެ ސޮއި ވެސް ހޯދައިފަ އެވެ. މީގެ އިތުރުން ބާންލީ އަށް ކުޅޭ ވޭލްސްގެ ގޯލްކީޕަރު ވޭން ހެނެސީ އާއި ލިވަޕޫލްގެ ވޭލްސް ޑިފެންޑަރު ނެކޯ ވިލިއަމްސްގެ އިތުރުން ޗެމްޕިއަންޝިޕް ޕްލޭއޮފްގައި ބަލިކުރި ހަޑާސްފީލްޑް ޓައުންގެ ޑިފެންޑަރަކާއި މިޑްފީލްޑަރެއް ވެސް ވަނީ ހޯދައިފަ އެވެ.

ފޮރެސްޓުން ވަނީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅުނު އިނގިރޭސި ވިންގްބެކް އޮމަރު ރިޗަޑްސްގެ އިތުރުން މެއިންޒް އަށް ކުޅުނު ޑިފެންޑަރު މޫސާ ނިއަކާޓޭ އަދި ރެކޯޑް ފީއަކަށް ޔޫނިއަން ބާލިންގެ ނައިޖީރިއާ ފޯވާޑް ޓައިވޯ އޮވޮނިއީގެ ސޮއި ވެސް ހޯދައިފަ އެވެ.

ހަމަ އެއާ އެކު ފްރާންސްގެ ޓްރޯޔެސް އަށް ކުޅޭ ޑިފެންޑަރަކާއި، ކޮސްޓަ ރިކާގެ ގައުމީ ޓީމަށް ކުޅޭ ޒުވާން މިޑްފީލްޑަރެއް ވެސް ވަނީ ހޯދައިފަ އެވެ. ކޮސްޓަ ރިކާގެ 19 އަހަރުގެ މިޑްފީލްޑަރުގެ ސޮއި ހޯދުމާ އެކު އެޓީމުން ވަނީ އޭނާ ލޯނު އުސޫލުން އެއް އަހަރަށް އެނބުރި ގައުމަށް ފޮނުވާލައިފަ އެވެ.

މީގެ އިތުރުން ބާންލީ އާއެކު ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ނުވަ ގޯލު ޖެހި އައިވަރީ ކޯސްޓުގެ ޒުވާން ވިންގާ މެކްސްވެލް ކޯނެޓް ހޯދަން ވެސް ފޮރެސްޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޮޓިންހަމް ފޮރެސްޓުން ވަނީ މި ޓްރާންސްފާގައި މިހާތަނަށް 70 މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް، ކުޅުންތެރިން ގަންނަން ހަރަދު ކޮށްފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް ނަމުގައި ކުޅުނު އިރު) ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ފޮރެސްޓުން މިދިޔަ ސީޒަނުގައި ލީގުގެ ހަތަރުވަނަ ހޯދި އިރު، އެޓީމުން ވަނީ އެފްއޭ ކަޕުގައި، އާސެނަލް އާއި ލެސްޓާ ސިޓީ ވެސް ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކުއާޓާ ގައި ބަލިވީ ލިވަޕޫލް އަތުންނެވެ.