22 ޖުލައި 2022 - 12:26

ރަބާތު، މޮރޮކޯ (ޖުލައި 22) - އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަން (ކަފް) އިން ހޮވާ އެ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެވަނަ ފަހަރަށް ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ ހޯދައިފި އެވެ.

މާނޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހާއި، ޗެލްސީ އަށް ކުޅޭ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީއާ ވާދަކޮށް ވޯޓުން ކުރި ހޯދައިގެންނެވެ.
ސަލާހު ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ޕްރިމިއާ ލީގުގައި 23 ގޯލު ޖަހައި، 13 ލަނޑު ޖަހަން އެހީވެ، ލީގުގެ ރަން ބޫޓާއި އެންމެ މޮޅު ޕްލޭމޭކާގެ އެވޯޑް ހޯދައިފަ އެވެ. ނަމަވެސް ލިވަޕޫލް ދޫކޮށް ޖޫން މަހު ބަޔާން މިއުނިކަށް ބަދަލުވި މާނޭ ވަނީ ގައުމީ ޓީމާ އެކު ސަލާހުގެ މައްޗަށް ދެ ފަހަރު ކުރި ހޯދައިފަ އެވެ.
ފެބްރުއަރީ މަހު އެފްރިކަން ކަޕްގެ ފައިނަލުގައި މާނޭގެ ސެނެގާލުން، ސަލާހުގެ މިސްރު ޓީމް ބަލިކޮށް ފުރަތަމަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދައިދިން އިރު، މާޗު މަހު އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ގައި ވެސް ކުރި ހޯދީ ސެނެގާލް އެވެ.
މެންޑީ ވެސް ވަނީ ސެނެގާލުން ހޯދި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ ޗެލްސީ އާއެކު ކްޕަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ އަކީ 2014 ވަނަ އަހަރު ނައިޖީރިއާގެ ވިންސެންޓް އެންޔޭމާ އަށް ފަހު އެވޯޑަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފުރަތަމަ ގޯލްކީޕަރެވެ.
މާނޭ އެންމެ ފުރަތަމަ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ 2019 ވަނަ އަހަރެވެ. ރޭގެ އެވޯޑާ އެކު މާނޭ ވެފައި ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، އެއް ފަހަރަށް ވުރެން ގިނައި ހޯދި 10 ވަނަ ކުޅުންތެރިޔާއަށެވެ.
އެންމެ ގިނަ ފަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައި ވަނީ، ހަތަރު ފަހަރު އެވޯޑް ކާސިލް ކުރި ސެމިއުލް އެޓޫ އާއި ޔާޔާ ޓޫރޭ އެވެ. އަދި ގާނާގެ އަބްދޭއި ޕެލޭ އާއި ލައިބޯރިއާގެ ޖޯޖް ވިއާ ވަނީ ތިން ފަހަރު މި އެވޯޑް ހޯދައިފަ އެވެ. ރޮޖާ މިލާ އާއި ނުވަންކްވޯ ކާނޫ އާއި އެލް ހާޖީ ޑިއޫފް އަދި ޑިޑިއާ ޑްރޮގްބާ އާއި ސަލާހު ވެސް ވަނީ މާނޭއާ އެއްވަރަށް، ދެ ފަހަރު އެވޯޑް ހޯދައިފަ އެވެ.
މިއީ ކޮވިޑް-19 ގެ ސަބަބުން 2019 ވަނަ އަހަރަށް ފަހު، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ފުރަތަމަ އެފްރިކަން އެވޯޑް ހަފްލާ އެވެ. މި ހަފްލާގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ، އެންމެ ފަހުން ވެސް އެވޯޑް ހާސިލްކުރި، ބާސެލޯނާ އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް އެސީސަޓް އޮޝޮއަލާ އެވެ. މިއީ އޮޝޮއަލާ މި އެވޯޑް ހޯދި ފަސްވަނަ ފަހަރެވެ.
އެފްރިކަން އެވޯޑް ހަފްލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް މާނޭ އުފުލާލި އިރު، ރެއަކީ ސެނެގާލަށް ވެސް ހާއްސަ ރެއެކެވެ.
ފިރިހެން އެންމެ މޮޅު ކޯޗަކަށް ސެނެގާލް ގައުމީ ޓީމުގެ ކޯޗު އަލިއޫ ސިސޭ ހޯދި އިރު، އަހަރުގެ އެންމެ މޮޅު ގައުމީ ޓީމަކަށް ވެސް ހޮވުނީ ސެނެގާލް އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސެނެގާލްގެ 19 އަހަރުގެ މިޑްފީލްޑަރު ޕަޕޭ މަޓާ ސާ އެވެ.
މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ގޯލަކަށް ހޮވުނީ ވެސް ސެނެގާލް ކުޅުންތެރިއަކު ޖެހި ގޯލެކެވެ. މި އެވޯޑް ލިބުނީ، ޓެންޒޭނިއާ ލީގުގެ ސިމްބާ އެފްސީ އަށް ކުޅެމުން އަންނަ ޕާޕާ އުސްމާނޭ ސަކޯ ޖެހި އޯވާހެޑް ގޯލަކަށެވެ.