ދެވަނަ ޑިވިޝަން: ބުރު ސްޕޯޓްސް އާއި ބިސްބުރު ވެސް މޮޅުވެއްޖެ
ދެވަނަ ޑިވިޝަން: ބުރު ސްޕޯޓްސް އާއި ބިސްބުރު ވެސް މޮޅުވެއްޖެ

ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ގުރޫޕް އޭގެ މެޗުތަކުން، ބުރު ސްޕޯޓްސް ކްލަބާއި ބިސްބުރު ސްޕޯޓްސް ކްލަބް ވެސް މޮޅު ވެއްޖެ އެވެ.

މާފަންނު ޓާފް ދަނޑުގައި ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް، ބިސްބުރު ސްޕޯޓްސް ކާމިޔާބުކުރީ ފަހަތުން އަރައި 2-1 އިންނެވެ.

ސިފައިންގެ ކްލަބުގެ އަހުމަދު ފިރާޝް މެޗުގެ 38 ވަނަ މިނިޓުގައި ލީޑު ނަގައިދިން ނަމަވެސް ބިސްބުރު ސްޕޯޓްސް އިން 45 ވަނަ މިނިޓުގައި ލަނޑު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެ ޓީމަށް އެ ލަނޑު ޖަހައިދިނީ ބިދޭސީ މިޑްފީލްޑަރު މަހަމަތް އެކިއަން ބަރްކާ އެވެ.

ބިސްބުރު ސްޕޯޓްސް މޮޅުކޮށްދިން ލަނޑު ޖެހީ 74 ވަނަ މިނިޓުގަ އެވެ. އެ ލަނޑު ވެސް ޖަހައިދިނީ އިއްޔެ އެ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ޗާޑްގެ މިޑްފީލްޑަރު އެކިއަން އެވެ.

ބިސްބުރު ސްޕޯޓްސް ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް، ޖޭޖޭ ސްޕޯޓްސްއާ ވާދަކޮށް، ފަހު ވަގުތު ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗު އެ ޓީމު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ބުރު ސްޕޯޓްސް މޮޅުވީ ޓާފް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކެޕިޓަލް ސިޓީ ސްޕޯޓްސްއާ ވާދަކޮށް 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 36 ވަނަ މިނިޓުގައި ބުރު ސްޕޯޓްސް އިން ލީޑު ހޯދީ، ކެޕިޓަލް ސިޓީގެ މުސްތަގީން މޫސާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި 41 ވަނަ މިނިޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ މިސްރުގެ މިޑްފީލްޑަރު އަހުމަދު މުހައްމަދު ގަބާލާ (ބޫގީ) އެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ބުރު ސްޕޯޓްސް އަށް ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ތަޝްމީން (ތައްތި) އެވެ. އަދި އޭގެ 10 މިނިޓު ފަހުން؛ މެޗުގެ 65 ވަނަ މިނިޓުގައި ތައްތި ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.

ބުރު ސްޕޯޓްސްގެ ފަސްވަނަ ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ އެ ޓީމަށް ކުޅޭ އުޒްބެކިސްތާނުގެ މިޑްފީލްޑަރު މިރްޖާލޯލް ކަސީމޯވް އެވެ.

ދެވަނަ ޑިވިޝަނުގައި މިއަދު ކުޅޭ މި ގުރޫޕުގެ ދެ މެޗު ވެސް ކުޅެން ހަމަޖެހިފައި ވަނީ ޓާފް ދަނޑުގަ އެވެ. ހަވީރު ކުޅޭ މެޗުގައި ޓެންޓް ސްޕޯޓްސް ކުލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލު ކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކުލަބެވެ.