އެލްސިއޯންގެ ބާނީ ދުނބުރި ހަސަން މަނިކު އަވަހާރަވެއްޖެ
އެލްސިއޯންގެ ބާނީ ދުނބުރި ހަސަން މަނިކު އަވަހާރަވެއްޖެ

ރާއްޖޭގައި ބޭކަރީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފަށައި، އެ ވިޔަފާރި އެންމެ ގިނަ ދުވަހު ދެމެހެއްޓެވި މ. އެލްސިއޯން، "ދުނބުރި" ހަސަން މަނިކު އަވަހާރަވެއްޖެ އެވެ.

ދުނިބުރި ހަސަން މަނިކަކީ އެލްސިއޯން ބޭކަރީގެ އޯނަރެވެ. އެކަމަކު، އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމާ އެކު، އެ ވިޔަފާރީގެ ތެރޭގައި އަމަލީ ގޮތުން ނޫޅުއްވާތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ހަސަން މަނިކު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އުމުރުން 80 އަހަރުގައި މިރޭ އޭޑީކޭގަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަހުގެ މެދުތެރޭގައި ހުޅުވި އެލްސިއޯން ބޭކަރީއާ އެކު، އެކަމަށް ބޭނުންވާ މެޝިންތައް ގެންނަވައިގެން ބޭކަރީގެ ހިދުމަތް ފުޅާކުރައްވާފައިވާތީ، ސަރުކާރުން އޭނާ އަށް 1981 ވަނަ އަހަރު ވަނީ އިގްތިސާދީ ދާއިރާ އިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ދެއްވައިފަ އެވެ.

ހަސަން މަނިކަކީ ވަރަށް ބޮޑު އިޖުތިމާއީ ހިދުމަތްތެރިއެއް ވެސް މެ އެވެ. މާފަންނުގައި ދެ ބުރި އަށް އިމާރާތްކޮށްފައިވާ މަޝްހޫރު ދުނބުރި މިސްކިތަކީ ވެސް އޭނާ ބިނާކުރެއްވި މިސްކިތެކެވެ. އޭނާ އަކީ ފަގީރުންނާއި ނިކަމެތިންނަށް އަޅާލެއްވި، އެކަމުގައި ނަމޫނާ ދެއްކެވި ހިތްޕުޅު ހެޔޮ ބޭފުޅެކެވެ.

ހަސަން މަނިކުގެ ޖަނާޒާ އޮންނާނީ މާދަމާ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.