ނެހާ ދޫޕިއާ އާއިލާއާއެކު ރާއްޖޭގައި
ނެހާ ދޫޕިއާ އާއިލާއާއެކު ރާއްޖޭގައި

ބޮލީވުޑްގެ ޖޯޑު ނެހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭޑީ، އެ މީހުންގެ ދެ ކުދިންނާއެކު ރާއްޖެ އަތުވެއްޖެ އެވެ.

މޭ 10، 2018 ގައި އެ ދެ މީހުން ކައިވެނިކޮށް، އެ މީހުންގެ ފުރަތަމަ ދަރިފުޅު އެ އަހަރު ލިބިފައިވާއިރު، ދެ ވަނަ ކުއްޖަކު ލިބުނީ މިދިޔަ އަހަރެވެ.

ދެ ކުދިންނާ އެކު، އެ ޖޯޑު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މީގެ ފަސް ދުވަސް ކުރިން އެ މީހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ ނ. އަތޮޅު ކުޑަ ފުނަފަރުގައި އޮންނަ ނޮކު މޯލްޑިވްސްގަ އެވެ. އެ ރިސޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ހިތްގައިމު ފޮޓޯތައް އޭނާ ވަނީ އާންމުކޮށްފަ އެވެ.

މީގެ ކުރިން އެކި ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ނެހާ އާއި އަންގަދު އެ މީހުންނަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ޚަބަރު ހާމަކަރީ ވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއެކު އެވެ.

ނެހާ ކުރިން ބުނެފައިވާ ގޮތުގައި އެ މީހުންގެ އެންމެ 'ފޭވަރިޓް' މަންޒިލަކީ ރާއްޖެ އެވެ.

ބޮލީވުޑްގެ އެކި ފިލްމުތައް ކުޅެފައިވާ އަންގަދު އެންމެ ފަހުން ފެނުނީ 2020 ގައި ރިލީޒްކުރި 'ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް' އިންނެެވެ. ކުރިއަށް އޭނާގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސްތްރީ ދެއަކާއި މައިދާނާއި ޕަތާން ދާކަޅް އަދި ސަމްރަތް ޕްރިތްވިރާޖް ހިމެނެ އެވެ. އެ ފިލްމުތަކުގައި އޭނާ ކުޅޭނީ ސަޕޯޓިން ރޯލްތަކެވެ.

ނެހާ އެންމެ ފަހުން ފެނުނީ ކުރު ފިލްމެއް ކަމަށްވާ 'ދޭވީ' އިންނެވެ. އޭނާ ވަނީ އެމްޓީވީން ދައްކާ 'ރޯޑީސް' ގެ ގޭންގް ލީޑަރަކަށް އުޅެފަ އެވެ.