ބޮކްސިންގެ ވަރުގަދަ ފިލްމު 'ލައިގާ' ގެ ޓްރެއިލާ ނެރެފި
ބޮކްސިންގެ ވަރުގަދަ ފިލްމު 'ލައިގާ' ގެ ޓްރެއިލާ ނެރެފި

އިންޑިއާގެ މަޝްހޫރު ތެލޫގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ކުޅޭ ފުރަތަމަ ހިންދީ ފިލްމު "ލައިގާ" ގެ ޓްރެއިލާ ނެރެފި އެވެ.

"އަރުޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ވިޖޭގެ "ލައިގާ" އަކީ ބޮކްސިން އަށް ބިނާކޮށް ހަދާފައިވާ ސްޕޯޓްސް އެކްޝަން ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާ އިއްޔެ އިއުލާން ކޮށްފައިވާއިރު، ޓްރެއިލާ އިން ބޮކްސިން ރިންގްގެ ތެރެއިން ބޮޑު ކުރިމަތިލުންތަކެއް ފެނެ އެވެ. ފިލްމުގައި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ފެންނާނެ އެވެ.

ޓްރައިލާގައި ވިޖޭ އާއި ޒުވާން ތަރި އަނަންޔާ ޕާންޑޭގެ ލޯބީގެ ކަންތައްގަނޑެއް ވެސް ފެނެ އެވެ.

ފިލްމުގެ ޓްރެއިލާ އާންމުކުރީ ހައިދަރުއާބާދުގައި ބޭއްވި އިވެންޓެއްގަ އެވެ. ކޯ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އަނަންޔާ އެކު މުމްބާއީގައި ހުރެފައި ސީދާ އެ ހަރަކާތަށް ހައިދަރުއާބާދަށް ގޮސްފަ އެވެ.

ޑައިރެކްޓަރު ޕޫރީ ޖަގަންނަދުގެ އެ ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ އަނަންޔާ އާއި ވިޖޭގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދެ އެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި ވެސް ބައެއް މަންޒަރުތައް ނަގާފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 25 ގަ އެވެ.