ތަށި ނުލިބުނަސް މައްސަލައަކަށް ނުވާނެ: ގާޑިއޯލާ
ތަށި ނުލިބުނަސް މައްސަލައަކަށް ނުވާނެ: ގާޑިއޯލާ

މެންޗެސްޓާ (ޖެނުއަރީ 2) - މިއީ އޭނާ މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދޭ ފުރަތަމަ ސީޒަނަށް ވުމުން މި ފަހަރު ލީގު ކާމިޔާބު ނުކުރެވުނަސް އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ލިވަޕޫލް އަތުން ބަލިވުމުން ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ބޮޑުވެފަ އެވެ.

"މިއީ އަހަރެންގެ ފުރަތަމަ ސީޒަން. މި ފަހަރު ތަށި ނުލިބުނަސް މި ނުވާނެ ބޮޑު ވެއްޓުމަކަށް. އަހަރެމެންގެ އަމާޒަކީ މެޗަކަށް ފަހު މެޗެއް. މި ޓީމަށް ކުރިއަށް ދެވޭނީ މިހާރު ދައްކާ މޮޅު ކުޅުމުގެ އިތުރުން ލަނޑު ޖަހައި އިތުރަށް ޕޮއިންޓް ހޯދައިގެން،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީއާ އެކު ތަޖުރިބާ ކުރަން ޖެހިފައިވަނީ އާ ކަންތައްތަކެއް ކަމަށާއި މިއީ ޗެލެންޖެއް ގޮތުގައި ދެކޭ ކަމަށެވެ.

"ބާސެލޯނާ އާއި ބަޔާންގައި އަހަރެން އޮތީ އަބަދުވެސް ކުރީގައި އެކަމަކު ސިޓީގައި މި ޖެހެނީ ގިނަ ޓީމުތަކާ ވާދަކޮށް ކުރިއަރަން. މިއީ ތަފާތު ޗެލެންޖެއް. ސިޓީގައި ކުރިއަށްދެވޭނެ ފެންވަރު އެބަހުރި،" ގާޑިއޯލާ ބުންޏެވެ.

ބާންލީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސަސް ކުޅުމުގެ ކުޑަ ފުރުސަތެއް އެބައޮތް ކަމަށާއި އޭނާ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"ގަބްރިއެލް ހުރީ ޗުއްޓީއެއްގައި އޭނާ އަށް ލިބުނީ މަދު ޕްރެކްޓިސްތަކެއް. އެކަމަކު މިދިޔަ އަހަރު ގިނަ މެޗުތަކެއް ކުޅެފައި ހުރި ކުޅުންތެރިޔަކަށް ހަފްތާއެއްގެ ރެސްޓަކަށް ފަހު ކުޅުމަކީ މާ އުނދަގޫ ކަމެއް ނޫން. އެކަމަކު ރިސްކު ނަގައިގެން އޭނާ ކުޅުވުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ބާންލީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު އެވެ.