ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ
ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކަށް ނިމުމެއް އަންނަވަރުގެ ބަދަލެއް ގައުމަށް ގެންނަން ބޭނުން ނަމަ، ގައުމުގެ ވެރިކަން ހިންގަން ތިބި މޫނުތައް ވެސް ބަދަލުކުރަންޖެހޭ ކަމަށް، އާންމު މުޒާހަރާތަކުގެ އިސް މޭސްތިރިން ބުނަން ފަށައިފި އެވެ.

ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ
ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ

ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި އެ ގައުމުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ ވޯޓުލުން ކުރިއަށް ދިޔައިރު، ލަންކާގެ ރައީސް އޮފީސް ހިސޯރު ހިފައިގެން ތިބި އާންމުން ތިބީ އެމީހުންގެ މޯބައިލް ފޯނުތަކުން ވަގުތުން އެ މަންޒަރުތައް ބަލާށެވެ. ވޯޓުގެ ނަތީޖާ އިއުލާން ކުރަމުން ދިޔަ ވަގުތު، ވޯޓުގެ ނަތީޖާ، ބޮޑުވަޒީރު އަދި ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަގެ ކޮޅަށް ބަރުވަމުން ދިޔަ ވަރަކަށް، އާންމުންގެ އަޑު ގަދަވަމުން ދިޔަ އެވެ.

ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ
ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ

ވޯޓު ގުނައި ނިމިގެން، ލަންކާގެ އާ ރައީސް ކަމުގެ މަގާމަށް ރަނިލް އިންތިޚާބުވިކަން އިއުލާންކުރުމާ އެކު، ރައީސް އޮފީސް ދޮށުގައި ތިބި އާންމުން ކެކިއަރައިގަތެވެ. ވޯޓުލުން ފެށިއިރުވެސް އެމީހުން ތިބީ، "ރަނިލް ގޯ ހޯމް" ޖަހާފައިވާ ފޮތިފަށްތައް ނިތްކުރިތަކުގައި ބަނދެގެން، ރަނިލްއާ ދެކޮޅަށް އަޑު އުފުލުމުގަ އެވެ.

ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ
ބަދަލުކުރަން ބޭނުމިއްޔާ އާ މޫނުތަކެއް ބޭނުންވާނެ

ރަނިލް މަގާމުން އިސްތިއުފާ ދެއްވައި އެހެން ބޭފުޅަކާ ވެރިކަން ހަވާލުކުރުމަށް ގޮވަމުން ދަނިކޮށް، ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ރަނިލް އިންތިޚާބުކުރުމުން، މުޒާހަރާގައި ތިބި އާންމުންގެ މާޔޫސްކަން އިތުރުވެ ރުޅި ގަދަވި އެވެ.

އާންމުންގެ މުޒާހަރާތަކުގައި އިސްވެ ހަރަކާތްތެރިވާ ނުޒްލީ ހަމީމް ބީބީސީ އަށް ބުނި ގޮތުގައި މެދުކެނޑުމެއް ނެތި ހަތަރު މަސްދުވަސް ވަންދެން ކުރަމުން އައި މުޒާހަރާތަކުގެ ސަބަބުން، ރައްޔިތުންގެ އުދާސްތައް މިހާރު ހުރީ ވަރަށް ހޫނުވެފަ އެވެ. އެހެން ނަމަވެސް، ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރުމެވެ. އަދި ގައުމުގެ ރައީސަށް ލިބިގެންވާ ބާރުތައް ހަނިކޮށް އެ ބާރުތައް ގާނޫނު ހަދާ މަޖިލީހަށް ދިނުމެވެ. އަދި އެއް އަހަރުގެ ތެރޭގައި އަވަސް އިންތިޚާބެއް ބޭއްވުމަކީ ވެސް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ކުރީގެ ރައީސް ގޯޓާބާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ އަށް ނުކުމެ އުޅުނު އާންމުންގެ ބާރުގެ ދަށުގައި ހުރި ސަރުކާރުގެ އޮފީސްތައް، މިދިޔަ ހަފުތާގައިވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ރައީސް އޮފީސް އަދިވެސް ހުރީ މުޒާހަރާ ކުރާ އާންމުންގެ ބާރުގެ ދަށުގަ އެވެ.

ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމަށް ވެސް ނިމުމެއް އަންނާނީ އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން ފިލައިގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އައިސްގެންނެވެ. ކޯވިޑް-19 ވަބާއިން ރައްކާތެރިވުމުގެ ގޮތުން ގައުމު ފުރަބަންދުކޮށް، އިގްތިސާދީ ހަރަކާތްތައް މަޑުޖައްސާލައިގެން ދޮޅު އަހަރެއްހާ ދުވަސް ހޭދަވި އިރު، ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ސަބަބުން ގައުމު ވަނީ ބަނގުރޫޓުވެފަ އެވެ.

ކައްކާ ގޭހާއި ޕެޓްރޯލާއި ޑީސަލާއި ކަރާސީނު ގަތުމަށް ބޭނުންވާ ބޭރު ފައިސާ ލަންކާގައި ނެތުމުން، އާންމު ރައްޔިތުން ތިބީ އެ ތަކެއްޗަށް ޖެހިފަ އެވެ. ޕެޓްރޯލާއި ޑީސަލް ވިއްކާ ޕަމްޕު ސްޓޭޝަންތަކުން ފެށިގެން ކިޔޫ ޖެހިފައިވާ އެއްގަމު އުޅަނދުގެ ސަފުތައް އެތައް މޭލަކަށް ދެމިގެން ގޮސްފައިވާ އިރު، ޑްރައިވަރުން އެ އުޅަނދުތަކުގައި ނިދައި ކައިބޮއި ހަދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިމްޕޯޓް މުޅިންހެން ހުއްޓިފައި އޮތުމުގެ ސަބަބުން، އަސާސީ ކާބޯތަކެތީގެ އަގު ވެސް އިންތިހާ އަށް ވަނީ އުފުލިފަ އެވެ. ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އެތެރެކުރުން ވެސް ހުއްޓިފައިވާތީ ދަނޑުވެރިކަން ކުރެވޭނެ ގޮތެއް ނެތި އެތައް އާއިލާއެއް ވަނީ ބަނޑަށް ޖެހިފަ އެވެ.

މުޒާހަރާތައް އިންތިޒާމުކުރުމުގައި އިސްވެ އުޅޭ މީހުން ބުނި ގޮތުގައި، ރާޖަޕަކްސަ އާއިލާގެ މެމްބަރުން ވެރިކަމުގައި ތިބެގެން ގައުމު ބަނގުރޫޓު ކޮށްލާފައިވާ އިރު، އެ އާއިލާއަށް ވާގިވެރިވާ ބޭފުޅަކު ރައީސްކަމުގައި ހުރުމަކީ އެމީހުން ގަބޫލުކުރާނެ ކަމެއް ނޫނެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް އެ ގައުމުގެ ވަގުތީ ރައީސް ކަމުގެ މަގާމާ ހަވާލުވީ، ރައީސް ކަމުގައި ހުންނެވި ގޯޓާބޭ ރާޖަޕަކްސަ، މިމަހުގެ 13 ވަނަ ދުވަހު ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަންނަވަމުން، ރައީސްކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލު ކުރެއްވުމުންނެވެ.

ބޮޑުވަޒީރުގެ މަގާމަށް ރަނިލް އައްޔަންކުރީ ވެސް ރާޖަޕަކްސަ އާއިލާގެ ފަރާތުން ހިންގާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ ފަރާތުންނެވެ. އަދި އިއްޔެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ވެސް، ލަންކާގެ ރައީސްގެ މަގާމަށް ރަނިލް އިންތިޚާބުކުރީ އެ ޕާޓީގެ ވަރަށް ގިނަ މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

އިއްޔެގެ އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 225 މެމްބަރުންގެ ތެރެއިން ރަނިލް އަށް ޖުމްލަ 134 މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި ގިނައީ އެސްއެލްޕީޕީގެ މެމްބަރުންނެވެ.