ފުލަމްގެ ޖާޒީގައި ޖަހަން އުޅޭ އިސްތިހާރުން ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ
ފުލަމްގެ ޖާޒީގައި ޖަހަން އުޅޭ އިސްތިހާރުން ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ

ލަންޑަން (ޖުލައި 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަމްގެ ޖާޒީގައި ޖަހަން އުޅޭ އިސްތިހާރުގެ މައްސަލައިގައި އެ ކްލަބްގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނަށް ނެރުނު މަޖައްލާގައި ވާގޮތުން ފުލަމްގެ ޖާޒީގައި ޖަހާނީ، އޮންލައިން ބެޓިން ކުންފުންޏެއް ކަމަށްވާ، "ޑަބްލިއު 88" ގެ އިސްތިހާރެވެ. އެކަމަކު އޭގެ ފަހުން އެ މަޖައްލާއިން އެ ކުންފުނީގެ ނަން އުނި ކުރި އެވެ.

ފުލަމްގެ ސަޕޯޓާސް ޓްރަސްޓް އިން ކުރިއަށް ގެންދިޔަ އޮންލައިން ސާވޭގައި ބުނާ ގޮތުން ގޭމްބްލިން ކުންފުންޏެއްގެ އިސްތިހާރު ޖާޒީގައި ޖަހަން އެ ކްލަބްގެ 47 ޕަސެންޓް ސަޕޯޓަރުން ބޭނުމެއް ނުވެ އެވެ. އެކަމަކު 46 ޕަސެންޓް ސަޕޯޓަރުން ވަނީ ޖާޒީގެ އަތް ކުރީގައި އިސްތިހާރު ޖެހުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ބުނެފަ އެވެ. އެ ސަޕޯޓަރުން ވެސް ޖާޒީގެ މެއިން ސްޕޮންސާގެ ގޮތުގައި ގޭމްބްލިން ކުންފުންޏެއްގެ އިސްތިހާރު ޖާހަކަށް ނޭދެ އެވެ.

"ބައެެއް ސަޕޯޓަރުން ބުނެފައި އެބަހުރި ގޭމްބްލިން ކުންފުންޏެއްގެ އިސްތިހާރު ޖަހައިފައިވާ ޖާޒީ ނުގަންނާނެ ކަމަށް،" އެ ކްލަބްގެ ސަޕޯޓާސް ގުރޫޕްގެ އޮފިޝަލް 'ދި އެތުލިޓިކް' އަށް ބުނެފައި ވެއެވެ.

ގޭމްބްލިން ކުންފުނިތަކުގެ އިސްތިހާރު ޖާޒީގެ މެއިން ސްޕޮންސާގެ ގޮތުގައި ޖެހުން ހުއްޓާލަން ޔޫރަޕްގެ ލީގުތަކުން އަންނަނީ ތައްޔާރު ވަމުންނެވެ. އިނގިރޭސި ޕްރިމިއަ ލީގުން ވެސް ކުރިއަށް އޮތް ތަނުގައި އެގޮތަށް އަމަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މެދުކެނޑުމަކަށް ފަހު މި ސީޒަންގައި އަލުން ޕްރިމިއަ ލީގަށް ޕްރޮމޯޓްވި ފުލަމްގެ ޖާޒީގައި މިދިޔަ ސީޒަންގައި ޖޭހީ ޓެލެކޮމް ކުންފުންޏެއް ކަމަށްވާ، 'ވޯލްޑް މޯބައިލްސް' ގެ އިސްތިހާރެވެ. އަންނަ ސީޒަނުން ފެށިގެން އެ ކުންފުނީގެ އިސްތިހާރު ޖަހަނީ އެ ކްލަބްގެ ޖާޒީގެ އަތު ކުރީގަ އެވެ.