ލޮރެންޒޯގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއު އެއްވަނަ އަށް
ލޮރެންޒޯގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއު އެއްވަނަ އަށް

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ލޮރެންޒޯގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ގުރޫޕްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ލޮރެންޒޯގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއު އެއްވަނަ އަށް
ލޮރެންޒޯގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއު އެއްވަނަ އަށް

މިއީ ހަތަރު އަހަރަށް ފަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ނިއު ކުޅުނު ފުރަތަމަ މެޗެވެ. މެޗު ބަލަން އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނެވެ. ސަޕޯޓަރުންގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑީއާގައި ހިއްސާ ކުރުމަށް ފަހު ނިއުގެ ބައެއް ސަޕޯޓަރުން ބުނެފައި ވަނީ ގަލޮޅު ދަނޑަށް އަލުން ކްލަބް ފުޓްބޯޅައިގެ ފޯރި އަތުވެއްޖެ ކަމަށެވެ. ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ކްލަބް ޓީނޭޖާ ދެކޮޅަށް ކުޅުނީ އެފްއޭއެމް ޓާފް ދަނޑުގަ އެވެ.

މުބާރާތް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހައިލައިގެންނެވެ. ގުރޫޕް 2 ގެ އެއްވަނައިގައި ނިއު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ގުރޫޕްގެ ދެވަނައިގައި އޮތީ ވިކްޓަރީ އަތުން ޕޮއިންޓް ހޯދި އެލްޓީ އެވެ. ވިކްޓަރީ އާއި އެލްޓީ އަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

މިރޭގެ މެޗުގައި ނިއުގެ ބިދޭސީ ފޯވާޑް ތޯރިގް ޖިބްރީން ވަނީ ހެޓްރިކް ހަދައިފަ އެވެ. ގާނާ އަށް ނިސްބަތްވާ ފޯވާޑާ ބެހޭގޮތުން ނިއު ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ ތޯރިގް އަކީ ފުރަތަމަ ޑިވިޝަންގައި ވެސް މޮޅަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.

ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ނިއު އަށް ލީޑް ނަގައިދިނީ ތޯރިގް އެވެ. އޭނާ ލަނޑު ޖެހީ ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. އޭގެ 10 މިނެޓް ފަހުން މުހައްމަދު ލިޔާހް ވަނީ ނިއު އަށް ލީޑް ފުޅާ ކޮށްދީފަ އެވެ. ތޯރިގްގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ. ގާނާގެ ފޯވާޑް ކޯފީ އައުސޫ ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތޯރިގް ވަނީ ހެޓްރިކް ހަދައިފަ އެވެ. ނިއުގެ ހަވަނަ ލަނޑު އަލީ އަޒްމީ ޖެހީ ދެވަނަ ހާފުގަ އެވެ.

އަންނަ އާދިއްތަ ދުވަހަކީ މުބާރާތުގައި އެންމެ ވަރުގަދަ މެޗު ކުޅޭނެ ދުވަހެވެ. ކުރީގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ ނިއު އާއި ވިކްޓަރީ އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ވާދަކުރާނެ އެވެ.