ހިޔާގެ ހަތަރު ޓަވަރެއްގައި 700އަށް ވުރެ ގިނަ ސެކިއުރިޓީ ކެމެރާ ހަރުކޮށްފި
ހިޔާގެ ހަތަރު ޓަވަރެއްގައި 700އަށް ވުރެ ގިނަ ސެކިއުރިޓީ ކެމެރާ ހަރުކޮށްފި

ހިޔާ ފްލެޓުގެ ހަތަރު ޓަވަރެއްގައި 700 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާ ހަރުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ކުރި ޓްވީޓުގައި ބުނީ އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށް H13 އިން ފެށިގެން H16 އާ ހަމައަށް 768 ސެކިއުރިޓީ ކެމެރާ ހަރުކޮށް އޮޕަރޭޓްކުރަމުން އަންނަ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 192 ކެމެރާ އެވެ.

ބާކީ ހުރި 12 ޓަވަރުގައި ވެސް ސެކިއުރިޓީ ކެމެރާ ހަރުކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކުރުމުން، ހިޔާ ސަރަހައްދުގައި 3،000 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާ އޮޕަރޭޓްކުރާނެ އެވެ.

އެ ތަނަށް ބޭނުންވާ ކެމެރާތައް ގެންނަން ހަވާލުކުރީ ދެ ކުންފުންޏަކާ އެވެ.

ހިޔާ ފްލެޓްތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު މީހުން ދިރިއުޅެން ފެށިއިރު، އެންމެ ބޮޑު ޝަކުވާއަކަށް ވީ ސެކިއުރިޓީއާ ގުޅޭ ކަންކަމެވެ. އެހެންވެ، އެޗްޑީސީން ވަނީ އެ ތަނުގެ ސެކިއުރިޓީ ކަންކަން ވަށި ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ މުވައްޒަފުން އަންނަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ އާއި ބޭސްމަންޓުގައި ހަދާފައި ހުރި ޕާކިން އޭރިގައި ހަރަކާތްތެރި ވަމުންނެވެ.

ހިޔާ ޓަވަރުތަކުގައި މިހާރު 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.