"ބްރައްމަސްތުރާ" ދެއަކަށް ދީޕިކާ
"ބްރައްމަސްތުރާ" ދެއަކަށް ދީޕިކާ

އަޔާން މުކަރްޖީގެ ޑައިރެކްޓްކުރާ އެންމެ އުނދަގޫ ފިލްމު "ބަރައްމަސްތުރާ 2" ގެ ދެވަނަ ބައެއް އުފައްދަން ނިންމައި އެ ފިލްމުގައި ދީޕިކާ ޕަޑުކޯން ވެސް މަސައްކަތް ކުރާނެ ކަމަށް ބުނެފި އެވެ.

މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އިއުލާންކުރި "ބަރައްމަސްތުރާ" ގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވި އެވެ. ފިލްމު ރިލީޒް ކުރާނެ ތާރީހު ވެސް އެތައް ފަހަރަކު ފަސްވި އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ނެރެން މިހާރު ތާވަލު ކޮށްފައިވާ ބްރައްމަސްތުރާގެ ދެވަނަ ބައެއް ވެސް ފެންނާނެ ޑައިރެކްޓަރު އަޔާން ބުނެ އެވެ. އޭނާ ބުނާގޮތުގައި ދެވަަނަ ބައި ފެންނާނީ އާ ކެރެކްޓާތަކާ ވެސް އެކުގަ އެވެ. އެކަމަކު ދެވަނަ ބައިން ފެންނާނެ ތަރިން އޭނާ އަދި އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ "ޕިންކްވިލާ" އިން ރިޕޯޓްކުރާ ގޮތުގައި ފިލްމުގެ ދެވަނަ ބައިގައި ހިމެނޭ "ޕަރްވަތީ" ގެ ރޯލު ކުޅެން ލިބިފައި ވަނީ ދީޕިކާ އަށެވެ. އަދި ފުރަތަމަ ފިލްމު ނިމޭތާ ކައިރީގައި ކެމިއޯ ރޯލަކުން ވެސް ދީޕިކާ ފެންނާނެ އެވެ.

އެ ރޯލަށް ދީޕިކާ ވަނީ ޝޫޓްކޮށްފައި ކަމަށް ވެސް ބުނެ އެވެ.

އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ފެންނަ ފުރަތަމަ "ބަރައްމަސްތުރާ" އަކީ މި އަހަރު ބޮލީވުޑްގައި ނެރޭ އެންމެ އަގު ބޮޑު މަސައްކަތެވެ.

ފިލްމުގެ ޓްރެއިލާގެ މިއުޒިކާއި ވިޝުއަލް އިފެކްޓްތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ބޮލީވުޑްގެ ފިލްމުތަކުގައި މީގެ ކުރިން އެހާ ބޮޑު ވިޝުއަލް އިފެކްޓްސްތަކެއް ނުފެނެ އެވެ. ވިޝުއަލް އިފެކްޓްސް އެ ޓްރެއިލާ އިން ވަރަށް ބޮޑަށް ފެންނައިރު، މި އަހަރު ނެރޭ އެންމެ އަގުބޮޑު ފިލްމަށް އެ މަސައްކަތްވާ ސަބަބަކީ ވެސް އެއީ އެވެ.

ހިޔާލީ ވާހަކައަކަށް ގެނެސްދޭ އެ ފިލްމު ބިނާކޮށްފައި ވަނީ ހިންދޫ މިތޮލޮޖީއަކަށެވެ. ސުޕަހީރޯ ސްޓައިލަށް އެ ފިލްމު ގެނެސްދެނީ ޒަމާނީ ރަހަތަކާ އެކު އެވެ.