20 ޖުލައި 2022 - 13:17

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާ އެމްބެސެޑަރު މަގާމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި އައިޝަތު ޝާން ޝާކިރު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަރުމަނުގެ އެމްބެސެޑަރު ކަމަށް ޝާން އައްޔަން ކުރައްވައި، އޭނާ ކުރިން ހުންނެވި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގ. ސަމަންތާ، އަހުމަދު ޝިއާން އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.
ޝިއާން އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގަ އެވެ.
ޝާންއަކީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 15، 2020 ގަ އެވެ.
އޭގެ ކުރިން ޝާން ހުންނެވީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. ޝާން ވަނީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނުގެ މަގާމުގެ އިތުރުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.