ބާއީ މައްސަލައިގައި މޮރީނިއޯ ހިތްހަމަނުޖެހިއްޖެ
ބާއީ މައްސަލައިގައި މޮރީނިއޯ ހިތްހަމަނުޖެހިއްޖެ

ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބާއީ އަށް ކުޅެވޭ ގޮތް ނުވުމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މި މަހު 14 ވަނަ ދުވަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް މިއަދު ބާއީ ރިލީސްކުރަން އައިވަރީ ކޯސްޓުން ވަނީ އެދިފަ އެވެ. ނަމަވެސް މޮރީނިއޯ ވަނީ މިރޭ ވެސްޓް ހޭމް މެޗަށް ފަހު ބާއީ ދޫކުރަން އައިވަރީ ކޯސްޓުގެ ހުއްދަ އަކަށް އެދިފަ އެވެ. އެކަމަށް އައިވަރީ ކޯސްޓުން އެއްބަހެއްނުވި އެވެ.

"ބާއީ އަށް ވެސްޓް ހޭމް މެޗު ނުކުޅެވޭނެ. އޭނާ ގައުމީ ޓީމާ ގުޅެން ޖެހޭ ޖެނުއަރީ 2 ގައި. އަހަރެމެން އެދުނިން ވެސްޓް ހޭމް މެޗު ކުޅެވޭ ގޮތް ހަދަން. އެކަމު އައިވަރީ ކޯސްޓުން އެއްބަހެއްނުވި. ހަގީގަތުގައި އެހާ ވަރަށް އައިވަރީ ކޯސްޓުން ކުޅުންތެރިން ކޮންޓްރޯލް ކުރާނެ ކަމަށް އަހަރެން ހިޔެއް ނުކުރަން،" މޮރީނިއޯ ބުންޏެވެ.

"އަހަރެންގެ އުއްމީދަކީ އައިވަރީ ކޯސްޓު އެފްރިކަން ކަޕް އޮފް ނޭޝަން ކާމިޔާބު ކުރުން. އެއީ އެ ޓީމު އެހާ ދުރާލާ ތައްޔާރުވާތީ."

ބާއީ ނުލައި ޔުނައިޓެޑް އަށް މެޗެއް ކުޅެން ޖެހޭއިރު، މޮރީނިއޯ ބުނީ މި މަހުގެ ޓްރާންސްފާ މާކެޓްގައި އިތުރު ޑިފެންޑަރަކު އެ ޓީމަށް ގެނައުމުގެ މާބޮޑު ވިސްނުމެއް ނެތް ކަމަށެވެ.

"ސްމޯލިން، ރޯހޯ އަދި ޖޯންސް ތިއްބާ އިތުރު ޑިފެންޑަރެއް ގެންނަން އަހަރެން ނުވިސްނަން،" މޮރީނިއޯ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ ޔުނައިޓެޑާއި ވެސްޓް ހޭމް އޮތީ ރަނގަޅު ފޯމެއްގަ އެވެ.

ޔުނައިޓެޑް ކުޅުނު 19 މެޗުން 36 ޕޮއިންޓާ އެކު ލީގުގެ ހަ ވަނަައިގައި އޮތްއިރު، ވެސްޓް ހޭމް އޮތީ 19 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑާއި ވެސްޓް ހޭމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:15 ގަ އެވެ.