20 ޖުލައި 2022 - 08:58

ވިލިމާލެ ބީޗު ސަރަހައްދު، ދަތުރު ދާ މީހުންގެ ހާއްސަ ތަނެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ މީހުންނާ ބައްދަލުކުރުމަށް އެ ކައުންސިލުން ރޭ ބޭއްވި ޖަލްސާގައި އެ މަޝްރޫއު އިއުލާން ކުރައްވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މޫދަށް އެރި މަޖާކޮށްލަން ގިނަ ބަޔަކު ވިލިމާލެ ބީޗަށް ދާތީ، އެ ސަރަހައްދު ޕިކްނިކް އޭރިއާއެއްގެ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ތަނުގައި ބާބަކިއު ސަރަހައްދަކާއި ފާހާނާ ބަރިއެއް އަދި ގޮނޑި އާއި މޭޒު ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނުކުޅެދޭ މީހުންނަށް ވީލްޗެއާގައި މޫދުގެ ވަކި ހިސާބަކަށް ފައިބައި މަޑުކޮށްލައިގެން 'ވޯޓާ ތެރަޕީ' ނެގޭނެ ފަދަ ރޭމްޕެއް ވެސް ގާއިމް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޕިކްނިކް ދާ މީހުން ބޭނުން ކުރަން 10 'ޑޭ ރޫޕް' އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޯވަނައިޓަށް ގިނަ ދުވަހަށް ބޭނުންކުރާ ގޮތަކަށް ނޫން ޑޭ ރޫމްތައް ހަދަނީ. އެއީ ޕިކްނިކަށް އައިސް މަޑުކޮށްލާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

ދަތުރު ދާ މީހުންނަށް ހާއްސަ ކޮޓަރި ނުވަތަ 'ޑޭ ރޫމް' ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ކޮޓަރިތައް ވެސް އޭގެ ދުވަސްކޮޅެއް ފަހުން ނިންމާނެ ކަމަށް ވިދާޅުވި އެވެ.

