ނައިޓްކްލަބުގައި ހަމަލާ ދިން މީހާ އަދިވެސް އަތެއް ނުވޭ
ނައިޓްކްލަބުގައި ހަމަލާ ދިން މީހާ އަދިވެސް އަތެއް ނުވޭ

އިސްތަންބޫލް (ޖެނުއަރީ 2) - ތުުރުކީގެ އިސްތަންބޫލްގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް އެތަނަށް ވަދެ ބަޑިން ހަމަލާ ދިން މީހާ އަދިވެސް އަތު ނުވާ ކަމަށް ތުރުކީ ފުލުހުން ބުނެފި އެވެ.

ނައިޓްކްލަބުގައި ހަމަލާ ދިން މީހާ އަދިވެސް އަތެއް ނުވޭ
ނައިޓްކްލަބުގައި ހަމަލާ ދިން މީހާ އަދިވެސް އަތެއް ނުވޭ

އިސްތަންބޫލްގެ މަޝްހޫރު ރެއިނާ ނައިޓްކްލަބަކަށް ދިން ހަމަލާގައި 39 މީހުން ވަނީ މަރުވެފަ އެވެ. ޒަހަމްވެގެން 69 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީގެ ތެރޭން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ.

ހަމަލާ ދިނުމަށް ފަހު ނައިޓްކްލަބުގައި ތިބި މީހުން އެކި ދިމާލަށް ދުއްވައިގަތް ވަގުތު އެ މީހާ ވެސް ވަނީ އެތަނުން ފިލައިފަ އެވެ. ތުރުކީ ސިފައިން މިހާރު ވަނީ އޭނާ ހޯދަން ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. ތުރުކީގެ ދާޚިލީ ވަޒީރު ސުލެއިމާން ސޮއިލޫ ވިދާޅުވީ ހަމަލާ ދިން މީހާ އަތުލައިގަނެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

ހަމަލާ ދިން މީހާގެ މަގްސަދަކީ ކޮބައިކަމެއް ނޭނގެ އެވެ. ނަމަވެސް ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ މިއީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކަމަކަށް ވެދާނެ ކަމަށެވެ.

ބަޑި ހިފައިގެން ހުރި މީހާ ފިލީ ހަތް މިނިޓް ވަންދެން ހަމަލާ ދިނުމަށް ފަހު އެވެ. އޭނާ ނައިޓްކްލަބަށް ވަނީ އެ ތަނުގެ ގާޑަކާއި ފުލުހުންގެ މީހަކު ވެސް މަރާލާފައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީން ކަމަށް އެނަދޮލޫ ނިއުސް އެޖެންސީން ބުންޏެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ، ޖޯޑަން، ޓިއުނީޝިއާ، އިޒްރޭލް، ފްރާންސް، ލުބުނާން، އިންޑިއާ އަދި ބެލްޖިއަމް މީހުން ވެސް ހިމެނެ އެވެ.

ޑިސެމްބަރު 10: އިސްތަންބޫލްގެ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި ބޮމުގެ ހަމަލާދީ 44 މީހުން މަރާލި.

އޮގަސްޓް 20: ގަޒިއެންޓެޕްގެ ކައިވެނި ހަފުލާއަކަށް ބޮމުގެ ހަމަލާދީ 30 މީހުން މަރާލި.

ޖޫން 28: އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ބަޑިންނާއި ބޮމުން ހަމަލާދީ 41 މީހުން މަރާލި.

މާޗު 13: އަންކަރާގައި ކުރުދީ ހަނގުރާމަވެރިން ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 37 މީހުން މަރާލި.

ފެބްރުއަރީ 17: އަންކަރާގައި ސިފައިންގެ ގާފިލާއަކަށް ދިން ހަމަލާއެއްގައި 28 މީހުން މަރާލި.