މާލެ ސިޓީ ކައުންސިލުގެ މުހިންމު ހިދުމަތްތަކެއް ޕޯޓަލް މެދުވެރިކޮށް
މާލެ ސިޓީ ކައުންސިލުގެ މުހިންމު ހިދުމަތްތަކެއް ޕޯޓަލް މެދުވެރިކޮށް

މާލެ ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކަށް އެދި ހުށަހެޅޭ އޮންލައިން ޕޯޓަލްއެއް މިރޭ ތައާރަފުކޮށްފި އެވެ.

އެ ޕޯޓަލް އިފުތިތާހުކުރީ އެ ކައުންސިލުން މާލޭގެ މީހުންނާއެކު ބޭއްވި ހާއްސަ ބައްދަލުވުމުގަ އެވެ.

މާލެ ސިޓީ ކައުންސިލުން ދޭ 90 ޕަސެންޓު ހިދުމަތްތަކަށް އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެދެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އޭގެ ތެރޭގައި ކުއްޖަކު އުފަންވުމުން އެދޭ ހިދުމަތްތަކާއި މަގު ބަންދުކުރަން އެދުމާއި ޕާކުތަކާއި މައިޒާންތައް ކުއްޔަށް ހިފުމާއި މިސްކިތްތަކަށް އެހީތެރިވުން ހިމެނެ އެވެ.

ޕޯޓަލަށް ވަދެވޭނީ އެ މީހެއްގެ އައިޑީކާޑު ނަމްބަރު ޖަހައިގެން ރަޖިސްޓަރީ ކުރުމުންނެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ޕޯޓަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ތިނަކުން ފެށިގެން ކަމަށެވެ. އަދި ޕޯޓަލުން ހިދުމަތް ހޯދަން އުނދަގޫ ވެއްޖެ ނަމަ ހެލްޕު ޑެސްކުތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން ތިބޭފުޅުން ކޮންމެހެން އަޅުގަނޑުމެންގެ ކައުންޓަރުތަކަށް ވަޑައިގަންނަވާކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މާލޭގެ މީހުންގެ މިލިއަނަކަށް ވުރެ ގިނަ ކުރެހުންތަކާއި ރަޖިސްޓަރީތައް ސްކޭންކޮށް، ޕޯޓަލްގެ ޑޭޓާ ބޭސް އަށް އަޅަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން ހިދުމަތް ދިނުމުގައި އިތުރަށް ފަސޭހަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެންމެ ގިނަ ދުވަސްވެގެން ތިން ދުވަސް ތެރޭގައި ތިބޭފުޅުންނަށް [ޕޯޓަލް މެދުވެރިކޮށް] ހިދުމަތް ލިބިގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިރޭ ވަނީ މާލެ އާއި ވިލިމާލޭގައި ހުރި 39 މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް އޮޕަރޭޓް ކުރުން ވެސް އިފުތިތާހު ކޮށްފަ އެވެ. ސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު ވި އެއްބަސްވުމެއްގެ ދަށުން ޕޮލިސް ކޮންސްޓެބިއުލަރީ ހިދުމަތް ވެސް ފެށި އެވެ.

އާންމު ތަންތަނުގައި ހުއްދަ ނުނަގާ ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމަޔަކަށް އެޅުވުމާއި ހުއްދަ ނަގައިގެން މަސައްކަތް ކުރޭތޯ ބެލުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި އެކަން ކުރާ ނަމަ ޖޫރިމަނާ ކުރުން ފުލުހުން މެދުވެރިކޮށް ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.