ޝެއިހް ނިޝާން އިތުރު 16 ދުވަހަށް ބަންދުކޮށްފި
ޝެއިހް ނިޝާން އިތުރު 16 ދުވަހަށް ބަންދުކޮށްފި

މި އަހަރުގެ ޔޯގާ ދުވަސް ގަލޮޅު ދަނޑުގައި ފާހަގަކުރަނިކޮށް، އެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝައިހް އާދަމް ނިޝާން އިތުރު 16 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ނިޝާނަށް ފުލުހުން ކުރަނީ ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި މީގެ ކުރިން އޭނާގެ ބަންދަށް 13 ދުވަސް ވެސް ވަނީ ޖަހައިފަ އެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި ޝެއިހް ފަޒްލޫން މުހައްމަދު ވެސް ވަނީ 16 ދުވަހަށް ބަންދުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އަދި ހަމަ ނުވާތީ މުއްދަތު ޖަހަން ކޯޓަކަށް ނުގެންދެ އެވެ.

ނިޝާނާއި ފަޒްލޫން ބަންދުކުރި މައްސަލަ ވަނީ އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އޮތީ ސަސްޕެންޑްކޮށްފަ އެވެ.

އެ ދެ މީހުން އިތުރުން އިތުރު ގިނަ ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ބޭފުޅުން ވެސް ހިމެނެ އެވެ.