19 ޖުލައި 2022 - 21:28

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީ ގައި ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން ކުޅުނު ފުރަތަމަ މެޗުގައި 5-3 އިން ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީ ބަލިކޮށްފި އެވެ.
ށ. އަތޮޅަށް ނިސްބަތްވާ ތިން ޓީމާ އެކު ކުރިއަށްދާ މި ގުރޫޕުގެ ފުރަތަމަ މެޗުގައި ވެސް ރަމްޒު ސްޕޯޓްސް ވަނީ އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓު އަތުން ބޮޑު ތަފާތަކުން ބަލި ވެފަ އެވެ. މި ގުރޫޕުގެ މެޗުތައް ކުޅެނީ ފޯކައިދޫ ދަނޑުގަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނިޓީ ސްޕޯޓްސް އިން ފެށީ ވެސް ވަރުގަދަކޮށެވެ. އެޓީމުން މެޗުގެ ފުރަތަމަ 30 މިނިޓުތެރޭ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު 19 ވަނަ މިނިޓުގައި ޖަހައިދިނީ މޫސާ އާދަމް އެވެ. ދެވަނަ ލަނޑު 23 ވަނަ މިނިޓުގައި އިބްރާހިމް ސައީދު ޖަހައިދިން އިރު، 28 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަގީލް އެވެ.
ޔުނިޓީ ސްޕޯޓްސް އިން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް ރަމްޒު ސްޕޯޓްސް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ލީޑު ކުޑަ ކޮށްފަ އެވެ. މި ހާފުގެ 38 ވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހަސަން ފައިރޫޒް އެވެ. އަދި 43 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަޒުމޫނެވެ.
ދެވަނަ ހާފުގައި ޔުނިޓީ ސްޕޯޓްސް އިން ޖެހި ދެ ގޯލަކީ މި ހާފުގެ ވަރަށް ކުރީކޮޅު ގާތް ގާތުގައި އެޓީމުން ޖެހި ދެ ލަނޑެވެ. މި ހާފު ފެށިގެން 13 ވަނަ މިނިޓުގައި ޕެނަލްޓީއަކުން އަގީލް އޭނާގެ ދެވަނަ ލަނޑު ޖެހި އެވެ. ޔުނިޓީގެ ފުރަތަމަ ލަނޑު ވެސް ޖެހި، މޫސާ އާދަމް ވަނީ ޖެހިގެން އައި މިނިޓުގައި އެޓީމަށް ފަސްވަނަ ލަނޑެއް ޖަހައިދީ، އަލުން ތިން ގޯލުގެ ލީޑެއް ނަގައި ދީފަ އެވެ.
މެޗުގެ 76 ވަނަ މިނިޓުގައި، ރަމްޒު ސްޕޯޓްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން އަހުމަދު އިނާޒެވެ.
މި ގުރޫޕުގެ ތިންވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލުކުރާނީ ފޯކައިދޫ އާއި ފުނަދޫ އެވެ.