ރިއާގެ ކުރިއަށް އޮތް ފިލްމު ކުޅެން ޝެހެނާޒް ގިލް އަށް ލިބިއްޖެ
ރިއާގެ ކުރިއަށް އޮތް ފިލްމު ކުޅެން ޝެހެނާޒް ގިލް އަށް ލިބިއްޖެ

"ބިގް ބޮސް 13" އިން ވިދާލި ޝެހެނާޒް ގިލް އަށް ބޮލީވުޑުން ދެވަނަ ފިލްމެއް ލިބިއްޖެ އެވެެ.

އޭނާ މި ވަގުތު މަސައްކަތް ކުރަނީ ބޮލީވުޑަށް ތައާރަފުވާ "ކަބީ އީދު ކަބީ ދިވާލީ" ގަ އެވެ. ސަލްމާންހާނުގެ އެ ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޝެހެނާޒަށް ލިބިފައިވާއިރު އޭނާ އަށް މިހާރު ވަނީ ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ވެސް ލިބިފަ އެވެ.

ޝެހެނާޒަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގްބޫލުކަމާއި ލޯބި ހޯދާފައިވާ ތަރިއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝެހެނާޒާއެކު އެ ފިލްމުގައި އަނިލް ކަޕޫރާއި ބޫމީ ޕެޑްނެކާރު ވެސް ފެންނާނެ އެވެ.

ރިއާގެ ކުރިއަށް އޮތް ފިލްމަކީ ވެސް 2018 ގައި އޭނާ ނެރުނު "ވީރޭ ދި ވެޑިން" ގޮތަށް ބޮޑަށް އަންހެން ތަރިއަށް ފޯކަސް ކުރާނެ ފިލްމެއް ކަމަށް ވެ އެވެ.

އެ ފިލްމުގެ މަސައްކަތް ނިންމައި މި އަހަރު ރިލީޒްކުރާނެ އެވެ.

ޕަންޖާބްގެ ފިލްމު އިންޑަސްޓްރީގައި މީގެ ކުރިން މަަސައްކަތްކޮށް، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝެހެނާޒަށް ބޮލީވުޑުން ފުރުސަތުތައް ލިބެމުން އަންނައިރު އޭނާ އެންމެ ފަހުން ފެނުނީ "ހޯސްލާ ރަކް" އިންނެވެ.