ޔޫކްރޭންގެ ސަރުކާރުގައި ރަޝިޔާގެ އޭޖެންޓުން
ޔޫކްރޭންގެ ސަރުކާރުގައި ރަޝިޔާގެ އޭޖެންޓުން

ޔޫކްރޭން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ރަޝިޔާގެ މަސްލަހަތުގައި ގައުމަށް ޚިޔާނާތްތެރިވާ ބައެއް ކަމަށް ތުހުމަތުކުރެވި، އޭގެ ތެރެއިން ބައެއް ބޭފުޅުން މަގާމުން ދުރުކޮށްފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިދިޔަ އާދީއްތަ ދުވަހު ވަނީ، އެ ގައުމުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާގެ ވެރިޔާ އިވާން ބަކަނޯވް އެ މަގާމުން ދުރުކޮށް އޭނާގެ މައްޗަށް ތަހުގީގު ހިންގަން ފަށައިފަ އެވެ. އޭގެ އިތުރުން ޔޫކްރޭންގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރީނާ ވެނެޑިކްޓޯވާ ވެސް އިއްޔެ ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭން ސަރުކާރުގެ ބައެއް ސިއްރުތައް ރަޝިޔާ އަށް ފޯރުކޮށްދޭ ކަމަށް އެ ދެ ބޭފުޅުންނަށް ތުހުމަތުކުރެވޭ އެތައް ކަމެއް މެދުވެރިވެފައި އެބަހުއްޓެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ބަކަނޯވްއަކީ ރައީސް ޒެލެންސްކީގެ އެންމެ ކުޑައިރުއްސުރެ ވަރަށް ގާތް އެކުވެރިއެއް އަދި ވިޔަފާރީގެ ބައިވެރިއެކެވެ.

ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާ ސިފައިން މިހާރު ހިފާފައިވާ ޔޫކްރޭންގެ ސަރަހައްދުތަކުގައި ތިބި ޔޫކްރޭން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި 60 އަށް ވުރެ ގިނަ އޮފިޝަލުންނާއި މުވައްޒަފުން މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ މީހުން ވަކިކުރީ، ރަޝިޔާ އަށް އެހީތެރިވެދޭ ކަމުގެ ތުހުމަތުތަކާ އެކުގަ އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ތަހުގީގީ އެހެން އިދާރާތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން، ގައުމަށް ޚިޔާނާތްތެރިވެ ރަޝިޔާ އަށް ވާގިވެރިވާ ކަމުގެ ތުހުމަތުތަކާ ގުޅޭ 651 އަށް ވުރެ ޖިނާއީ މައްސަލައިގެ ތަހުގީގު މިހާރުވެސް އެބަ ކުރިއަށް ދެ އެވެ.

އޭގެ އިތުރުން ޔޫކްރޭންގެ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ 28 އޮފިޝަލަކު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ތަފާތު މަގާމުތަކުގައި ތިބި އެ އޮފިޝަލުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރެވުނަސް، މައިގަނޑު ތުހުމަތަކީ ގައުމަށް ޚިޔާނާތްތެރިވެ ދުޝްމަނުންނަށް ވާގިވެރިވުން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.